ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްއިން މިހެން ބުނީ، އަދީބުގެ އާއިލީ ބައްދަލުވުންތައް މަދުކޮށް ތަފާތުކުރުންތައް ގެންގުޅޭތީ އޭނާގެ އާއިލާއިން އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައިދިނުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.
ޖަވާބުގެ ގޮތުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ފަރާތެއް ކަމަށް ކަނޑައަޅާފައިނުވާތީ އެކަން ހަމަޖައްސައިދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީންނެކޭ އެއްފަދައިން އަދީބަށް ވެސް މަހަކު އެއް އާއިލީ ބައްދަލުވުން ލިބޭނެ ކަމަށެވެ.
އަދީބަކީ ސްޕެޝަން ޕްރޮޓެކްޝަން ދޭން ޖެހޭ ފަރާތެއް ކަމަށް ކަނޑައަޅާފައިވާއިރު، އޭނާއަކީ ނައިބު ރައީސްގެ މަގާމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދީބު ވެސް ޖަލުގައި ހުންނެވި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ހައްޔަރުކޮށް ހުކުމް އިއްވާފައިވާއިރު އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް މިހާރު ވެސް ސްޕެޝަލް ޕްރޮޓެކްޝަން ދަނީ ދެމުންނެވެ.
ޒިޔަތުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ދަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. އެ ޔުނިޓަކީ އެކުގައި އުޅެވޭ ގޮތަށް ހަދާފައިވާ ގިނަ ވަސީލަތްތައް ހުންނަ ޔުނިޓެކެވެ.