މިއުޒިކް

ރޮކްސްޓާ މުއައްޒިންގެ "ރެދަން" މާދަމާ ނެރެނީ

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ރޮކްސްޓާގެ ގޮތުގައި ގިނަ ބައެއްގެ ލޯބި ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު މުއައްޒިން މިވަނީ އަނެއްކާވެސް އެންމެންގެ ގާތަށް އައުމަށް ތައްޔާރުވެފަ އެވެ. އޭނާގެ ފުރަތަމަ އަމިއްލަ ލަވަ އަލްބަމެއް ނެރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މި އަލްބަމްގެ ނަމަކީ "ރެދަން" އެވެ. އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ މި އަލްބަމްގެ ލަވަތައް ރާއްޖޭގެ މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" އިން އަޑުއަހާލެވޭނެ އެވެ. އަލްބަމް ނެރެނީ މާދަމާ އެވެ.

ހަ ލަވަ ހިމެނޭ މި އަލްބަމްގައި މުއައްޒިންގެ ސްޓައިލް ރޮކް ތީމްގެ ލަވަތަކުގެ އިތުރުން ދިވެހިންނަށް ކަމުދާ އިތުރު ވައްތަރުތަކުގެ ލަވަތައް ވެސް ހިމެނޭނެ ކަމަށް މުއައްޒިން ބުންޏެވެ. މި އަލްބަމް މީގެކުރިން ރިލީޒްކުރަން ހަމަޖެއްސި ނަމަވެސް އެ ފަހަރު ރިލީޒްކުރެވޭ ގޮތެއް ނުވި އެވެ.

"މި ލަވަތަކުގައި ހުންނާނެ އަމިއްލަ ދިރިއުޅުމުގައި ދިމާވި ބައެއް ކަންތައްތަކުގެ ވާހަކަތައްވެސް. އޭގެ އިތުރުން އަހަރެމެންގެ މުޖުތަމައުގައި މިހާރު ހިންގަމުންދާ ބައެއް ކަންކަމުގެ ވާހަކަތައްވެސް ގެނެސްދީފައި ހުންނާނެ." މުއައްޒިން ބުންޏެވެ.

މުއައްޒިންއާއެކު މި އަލްބަމްގެ ލަވަތައް ކިޔާފައިވާ އާޓިސްޓުންގެ ތެރޭގައި، ޝިފާޒް، ޔޫސުފް، އިއްބެ، މަބީ، އީމާން، ޔަމްމު، އަދްލީ، ތޫ ނިޔާޒް، ބިސީ، ރީހާން، އަހްމަދު ސިނާދު، ޖެސީ އަދި ހާބޭސް ބޮޑުބެރު ގުރޫޕް ހިމެނެ އެވެ.

މި އަލްބަމް ތައްޔާރުކޮށް ޕްރޮޑިއުސްކުރީ، އަހްމަދު ސިނާދު (ސިނޫ) އެވެ. ލަވަތައް ރެކޯޑުކޮށްދިނީ ހަބޭސް ސްޑޫޑިއޯއިންނެވެ. އަލްބަމްގެ ކަވާ، ޕްރޯލައިޓް ސްޓޫޑިއޯއިން ތައްޔާރުކުރި އިރު، އާޓްވޯކް ޑިޒައިންކުރީ ޔޭ ސްޓޫޑިއޯއިންނެވެ.

"އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުމީ ސިނޫއަށް. ދެން ރީހާން އާއި ޖެސީ، ޝާހިދް، ހަމްދު، ޒާހިލް، އާފީ. މަންމަ އާއި ބައްޕާ އާއި ދޮންތަ އަދި އަލީ ޝިފާއު އާއި މަމްދޫހްގެ ނަން ފާހަގަކޮށްލަން." މުއްޒިން ބުންޏެވެ.

މީގެ ކުރިން މުއައްޒިން ވަނީ އައިޑޮލްގެ ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ ގެނެސްދިން ރޭގައި އޭނާގެ އަމިއްލަ ވީޑިއޯ ލަވައެއް ނެރެފަ އެވެ. "ލޭ ކޮކާ" ކިޔާ އެ ލަވަ ވަނީ ރަޝިއާގެ ޓީވީ ޗެނަލް އަޑާގިއޯ އިން ދައްކާފަ އެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވަ ދެއްކުމަށްފަހު ރަޝިއާގެ އަޑާގިއޯ ވެބްސައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕް ވަނީ ފީޗާ ކޮށްފަ އެވެ.