ހަބަރު

ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އެ ޕާޓީއަށް ދާދިފަހުން ގުޅިވަޑައިގެންނެވި އަލީ ވަހީދު ކުރިމަތިލައްވައިފި އެވެ.

އަލީ ވަހީދު އެކަން އިއުލާން ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަވާފައިވާނެ ކަމަށާއި ހުރިހާ ރައްޔިތުންގެ ލޯތްބާއި ތާއިދާއި ހެޔޮ އެދުން ބޭނުންވާ ކަމަށެވެ.

"އެންމެންނަށް ހަމަހަމަކަން، ގޮފިތަކުގެ ބާރުވެރި، އިންތިޒާމްވެފައިވާ ކޮމެޓީތަކާއެކު ރައްޔިތުންނަށް ހާދިމް މަސައްކަތްތަކެއް ކޮށްދޭނަން،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީއިން ކުއްލި ގޮތަކަށް ވަކިވެވަޑައިގެންނެވުމަށްފަހު އެވެ. އެމްޑީޕީގެ ޗެއާޕާސަންކަން ވެސް އޭނާ އޭގެ ކުރިން ވަނީ ދޫކޮށްލައްވާފަ އެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވިއިރު އެ މަގާމަކީ އަލީ ވަހީދު ޕާޓީއަށް ގުޅިވަޑައިގެންނެވި ފަހުން އުފެއްދި މަގާމެކެވެ. ޕާޓީގެ ގަވައިދަށް އިސްލާހު ގެނެސް، އެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މާދަމާ އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި ރައީސްއަކު އިންތިހާބު ކުރާނެ އެވެ.

ރައީސްގެ މަގާމުގެ އިތުރުން ޕާޓީގެ ލީޑަރާއި ނައިބު ލީޑަރާއި ނައިބު ރައީސް ވެސް މާދަމާ އޮންނަ ކޮންގްރެސްގައި އިންތިހާބު ކުރާނެ އެވެ. މި މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުންގެ މައުލޫމާތެއް އަދި ނުލިބެ އެވެ. ރައީސް ކަމަށް އަލީ ވަހީދުގެ އިތުރުން އެހެން ބޭފުޅެއް ވާދަކުރައްވާކަން ވެސް އެނގިފައެއް ނުވެ އެވެ.