ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާ ދެކޮޅަށް އެ ޕާޓީގެ ތެރެއިން އެންޓި ކެމްޕެއިނެއް ފަށައިފި އެވެ.
ޕާޓީގެ ބައެއް މެންބަރުން އަލީ ވަހީދާ ދެކޮޅަށް އަޑު އުފުލަމުން ދަނީ ވަރަށް ފަހުން ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅަކު ޕާޓީގެ އެންމެ އިސް މަގާމަށް ކުރިމަތިލައްވާފައިވާތީ އެވެ. ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމު އުފައްދަން ނިންމީ ވެސް އަލީ ވަހީދު އެ ޕާޓީއާ ގުޅިވަޑައިގަތުމުންނެވެ.
ޖުމްހޫރީ ޕާޓީ މިދިޔަ ދުވަސްތަކުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވިއިރު ޕާޓީ ހިންގެވުމުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ތިއްބަވަނިކޮށް އެންމެ އިސް މަގާމު އަލީ ވަހީދަށް ދޭން ބޭނުން ނުވާ ކަމަށް ބުނެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ މޫސާ އަންވަރު އިއްޔެ ވަނީ އަލީ ވަހީދަށް ކޮންގްރެސްގައި ވޯޓު ނުދިނުމަށް ގޮވާލައި ފޭސްބުކް ވީޑިއޯއެއް މެދުވެރިކޮށް އަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ބައެއް މެންބަރުން އަލީ ވަހީދާ ނުރުހުނު ނަމަވެސް އެނގިފައިވާ ގޮތުގައި ގާސިމް އިބްރާހިމްގެ ތާއިދު އަލީ ވަހީދަށް އެބަ އޮތެވެ. އެ މަގާމަށް އެހެން ބޭފުޅެއް ކުރިމަތިނުލެއްވީ ވެސް އެ ސަބަބަށްޓަކަ އެވެ.
މިއަދު ފެށިގެން ކުރިއަށްދާ ކޮންގްރެސްގައި ޕާޓީގެ ރައީސް ހޮވާނެ އެވެ. އަލީ ވަހީދު އެކަނި އެ މަގާމަށް ކުރިމަތިލައްވާފައިވާއިރު އޭނާއަށް މަގާމު ލިބޭނީ ކޮންގްރެސްގެ އަގުލަބިއްޔަތު ވޯޓު ލިބިއްޖެނަމަ އެވެ. ޕާޓީގެ ކޮންގްރެސްމަނުންގެ ގޮތުގައި 400 އެއްހާ ބޭފުޅުން ހަރަކާތްތެރިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ގާސިމް އިބްރާހިމް ދޫކޮށްލެއްވުމަށް ނިންމަވާއިރު އެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެހެން ކަމުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް ޕާޓީގެ ރައީސްއާ ހަވާލުކުރަން ކޮންގްރެސްގައި ފާސްކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެނަމަ ޕާޓީގެ އެންމެ ބާރުގަދަ ބޭފުޅާއަކަށް ވާނީ ރައީސް އެވެ.