ހަބަރު

ޖޭޕީގެ ރައީސް ކަމަށް އަލީ ވަހީދު ހޮވައިފި

ޕެރެޑައިސް އައިލެންޑް ރިސޯޓުން: ނާޒިމް ހަސަން
Jun 23, 2018
5

ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އެ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގަތް އަލީ ވަހީދު އިންތިހާބު ކުރައްވައިފި އެވެ. ޕާޓީގެ ރައީސް ކަމުގެ މަގާމަކީ އަލަށް އުފެއްދި މަގާމެކެވެ.

ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ އަލީ ވަހީދު އެކަންޏެވެ. އެހެންވެ މިރޭ ޕެރައިޑްސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ކޮންގްރެސްގައި އަލީ ވަހީދު ރައީސް ކަމަށް ހޮވުމާމެދު ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ފެންނަ ނުފެންނަ ވޯޓުގައި 258 މަންދޫބަކު ވޯޓު ދީފައިވެ އެވެ. އޭގެތެރެއިން 154 މަންދޫބުން ވޯޓު ދެއްވީ އަލީ ވަހީދު ރައީސް ކަމަށް ހޮވަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް 102 މަންދޫބުން ވޯޓު ދެއްވި އެވެ.

އަލީ ވަހީދުގެ އިތުރުން ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އަބްދުﷲ މައުސޫމް ވެސް ވަނީ އެ މަގާމަށް ހޮވިވަޑައިގެންފަ އެވެ. މިރޭ ނެގި ފެންނަ ނުފެންނަ ވޯޓުގައި މައުސޫމްއާ އެއްކޮޅަށް 240 މަންދޫބަކު ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މަންދޫބުންނެވެ.

އަލީ ވަހީދު ރައީސް ކަމުގެ މަގާމަށް އިންތިހާބުކުރިއިރު ކޮންގްރެސްގައި އަސާސީ ގަވައިދު އިސްލާހުކޮށް ރައީސް ކަމުގެ މަގާމަކީ ބާރުތައް މަދު މަގާމެއްގެ ގޮތުގައި ވަނީ ހަދާފަ އެވެ.

ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އޮންނާނެ ޒިންމާއަކީ އިދާރީ ހިންގުން ކަމަށާއި އެއީ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމުގައި އަސާސީ ގަވައިދުގައި ބަޔާންކޮށް މިރޭ ފާސްކޮށްފައިވެ އެވެ. ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ލީޑަރު ނެތް ހާލަތެއްގައި ޕާޓީގެ ރައީސް ކަމަށް ވެސް އިސްލާހުކުރި އެވެ. ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަނީ ކައުންސިލުން ހޮވާ ނައިބު ލީޑަރު ނުވަތަ އެހެން ނައިބު ލީޑަރެއް ކަމަށް ވެސް އިސްލާހު ވަނީ ގެނެސްފަ އެވެ.

ޕާޓީގެ އެންމެ ބާރުގަދަ، ކައުންސިލްގައި ބައިވެރިވެވޭނެ ގޮތް ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރު ނުވެވޭނެ މަގުބޫލް އުޒުރެއްވާނަމަ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުންތަކުގައި ބައިވެރިވެ އަތް ނަގައިގެން ވޯޓު ދެވޭނެ ކަމަށެވެ. ނަމަވެސް އެމީހަކަށް ޕާޓީގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އަސާސީ ގަވައިދު މިގޮތަށް އިސްލާހުކޮށްފައިވާއިރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަނީ ބޭރުގަ އެވެ. އޭނާ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ގަވައިދަށް އިސްލާހު ގެނައި ގޮތުން ނުލިބޭނެ އެވެ. އަދި ލީޑަރަށްފަހު ހުރިހާ ބާރުތަކެއް ވެސް ރައީސްގެ ބަދަލުގައި ލިބިގެންދާނީ ނައިބު ލީޑަރަކަށް ކަމަށް ގަވައިދު ވަނީ ބަޔާންކޮށްފަ އެވެ.