މި އަހަރުގެ ތެރޭގައި ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީ މިހާރަށްވުރެ ބޮޑު ޕާޓީއަކަށް ހައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް ކަމަށް މިއަދު އިންތިހާބުވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހު އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ދެއްވި މެސެޖްގައި ޖުމްހޫރީ ޕާޓީއަށާއި ގާސިމް އިބްރާހިމަށް އޭނާ ވަނީ ތައުރީފް ކުރައްވާފަ އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖެ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް އެންމެ ރަނގަޅި ވެރިޔަކީ ގާސިމް އިބްރާހިމް ކަމަށެވެ. އެމަނިކުފާނާއެކު މި އަހަރުގެ ތެރޭގައި ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީއަކީ ބޮޑު ޕާޓީއަކަށް ހައްދަވާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، މި ވަގުތަކީ ޕާޓީ އިސްކުރުމުގެ ބަދަލުގައި ގައުމު އިސްކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތުގައި ޕާޓީތައް ހަގީގީ މަޝްވަރާއަށް ވަޑައިގަންނަ ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.
"އެހެން ޕާޓީތަކުން ޓްވިޓާ އާއި ފޭސްބުކް ދޫކުރައްވައި ހަގީގީ މަޝްވަރާތަކަށް ވަޑައިގަންނަވާ، އަދި ޖުމްހޫރީ ޕާޓީއަށް ވެސް ދެވެން މިންވަރު ނުދެއްވާ ހައްގު މިންވަރު ދެއްވާ، މި ޕާޓީ އިހްލާސްތެރިކަމާއެކު އޮންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، މިހާރު ވިސްނަންވީ ވަކި މީހަކު ވެރިކަން ކުރުމަށް ނުވަތަ ވަކި ޕާޓީއެއް ވެރިކަން ކުރުމަށް ނޫން ކަމަށާއި ވިސްނަންވީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ. ގައުމަށްޓަކައި ޕާޓީތައް އެކުގައި މަސައްކަތްކުރުން ނޫން ގޮތެއް ނެތްކަން ފާހަގަކުރެއްވި އެވެ.
"ކޮން ޕާޓީއެއްތޯ ވެރިކަން ކުރާނީ، ނައިބު ރައީސްކަން ކުރާނީ ކޮން ޕާޓީއަކުންތޯ މުހިންމެއް ނޫން، ހުރިހާ އެންމެން ވެސް ފަހަތަށް ފިޔަވަޅު އަޅަންޖެހޭ، އިސްކަން ދޭންވީ ގައުމަށް، އެންމެންގެ ޕާޓީ، އެންމެންގެ ވެރިކަން،" އަލީ ވަހީދު ވިދާޅުވި އެވެ.
ލަންޑަނުގައި ދިރިއުޅުއްވާ އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަން މިހާރު ވަރަށް ނުބައި ހިސާބަކަށް ގޮސްފައިވާ ކަމަށާއި، ގޭތެރޭގަ ތިބި އަނބިދަރިންނާ ހަމައަށް ސިޔާސީ ކިލަނބުކަން ވަނީ ފޯރާފައިވާ ކަމަށެވެ. ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ޖަލަށްލާފައިވުމަކީ އޭގެ ހެއްކެއް ކަމަށެވެ.
ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ޕާޓީގެ ކައުންސިލަށް ބޮޑު އަގުލަބިއްޔަތަކުން ހޮވިވަޑައިގެންފައިވާއިރު ސިޔާސީ މަސައްކަތަކަށް ނަހުލާ ނުކުންނެވުމުން އަލީ ވަހީދު މަރުހަބާ ދެންނެވި އެވެ.
"އަނބިކަނބަލުން އަންނަން ޖެހުނީ ގައިގާ އަތްލީމަ، ސިޔާސީ ކިލަނބުކަން މިއޮތީ ގޭގައި ތިބި އަނބިދަރިންނަށް ވެސް ފޯރާފަ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް އޭނާ އިންތިހާބުކުރުމަކީ ވެސް ބޮޑު އުފަލެއް ލިބިފައިވާ ކަމެއް ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ޕާޓީގެ މެންބަރު އިތުބާރު ކުރެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ.
އަޅުގަނޑު އެންދެރިގަނޑަކަށް ނޫނީ ކަޅު މާވަހަރަކަށް ހަދަން އޮތް ފުރުސަތެއް މިއީ، އަޅުގަނޑު މާވަހަރަކަށް ހެދީތީ ޝުކުރު ދަންނަވަން، އޭގެ ބަދަލު ދައްކާނަން، ނަމޫނާ ގޮތެއްގައި އިންތިޒާމްވެގެން ހިނގާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ހަދާނަން، ގޮފިތައް ބާރުވެރިކުރުވާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، އޭނާއަށް ފުޓްބޯޅަ މެނޭޖަރަކަށްވެގެން ލަންޑަނުގައި ފިނީގައި އުޅުއްވިތާނެ ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތުގައި އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވަނީ ގައުމަށްޓަކައި ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ރައްޔިތުންގެ ހައްގުގަ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، 2009 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާ ކާމިޔާބުކުރުމަށް ގާސިމް އިބްރާހިމް އޭނާއަށް އެހީވެވަޑައިގެންނެވި ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި ޕާޓީއަށް ގުޅިވަޑައިގެންނެވުމުގެ ބަދަލުގައި ގާސިމް އެދިވަޑައިގެންނެވީ އެމަނިކުފާނު "ލުނބޯ ފަދައިން ފެލާލާ" ވަގުތު އޭނާގެ އަރިހުގައި ހުރުމަށް ކަމަށެވެ. މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.