މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ، ގިނަ ފަހަރަށް ފެނިގެންދަނީ ފޯރިގަދަ ސްޓޭޖް ޝޯއަކުން ނޫނީ އޭނާގެ އަމިއްލަ ލަވައަކުންނެވެ. ދިވެހި ޓިވީ ޝޯތަކުގައި ވެސް ސުނީތާއަކީ މިހާރު މަޝްހޫރު މޫނެކެވެ. އޭނާގެ ނެށުމުގެ ކުޅަދާނަ ހުނަރާއި ލަވަ ކިޔުމުގެ ހުނަރުން ވެސް ގިނަ ބަޔަކު ވަނާ ހައިރާންކޮށްފަ އެވެ.
އެންމެނަށް ފެންނަނީ ރާއްޖޭގައި ހުރި، ގްލޯބަލް އައިކަން ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭން ސުނީތާގެ ސެލެބްރިޓީ ލައިފް އެވެ. އެކަމަކު މިފަހަރު މި އޮތީ ސުނީތާގެ ސެލެބްރިޓީ ލައިފްއެއް ނޫނެވެ. މުޅިން ތަފާތު ލައިފް އެކެވެ. ސުނީތާގެ އައިލެންޑް ލައިފް ނުވަތަ ރަށްފުށު ދިރިއުޅުމެވެ.
އއ. އުކުޅަސްއަށް އުފަން ސުނީތާ ރަށަށް ގޮސްހުރީ މަންމަގެ އެދުމުގެ މަތިން ކުޑަ އީދު ފާހަގަކޮށްލާށެވެ. ރަށުގައި ސުނީތާ އަންނަނީ އޭނާގެ ޅައިރުގެ ބައެއް ހަނދާންތައް ވެސް އާކުރަމުންނެވެ. މި މަންޒަރުތައް އޭނާ ދަނީ ޓުވިޓާގައި ފޭނުންނާ ހިއްސާކުރަމުންނެވެ.
އާއިލާގެ މެމްބަރުންނާއެކު ތަފާތު އެކި މަސައްކަތްތައްކުރާ ވީޑިއޯތައް ޓުވިޓާގައި އޭނާ ޓުވީޓްކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ޓުވީޓްކޮށްފައި ވަނީ ސުނީތާ އޭނާގެ މާމައާއެކު ފަން ކަނޑަން ގޮސް ނަގާފައިން ވީީޑިއޯއެކެވެ. މަންމެންނާއެކު ބަނދިގޭގައި ކައްކާ ވީީޑިއޯތައް ވެސް ޓުވީޓްކޮށްފައި ހުރިއިރު، އީދު ދުވަހު މެންދުރަށް ކައްކާ ވީޑިއޯތައްވެސް ހުއްޓެވެ.
"ކުޑައިރުވެސް ރަށުގައި އުޅުނުއިރު ހަމަ ކޮށް އުޅުނު ކަންކަން މީ. އެހެންވެ މިހާރުވެސް އިނގެނީ ކުރަން. ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް މިއީ. މަންމަމެންނާއި އާއިލާ އެންމެނާއެކު މިގޮތަށް އުޅެލެވުނީމަ ވަރަށް ހިތައް ފިނިކަންވެސް ލިބޭ،" ސުނީތާގެ ތަޖުރިބާ އަވަސްއާ ހިއްސާކުރި އެވެ.
މި ވީޑިއޯތަކުން ގިނަ ބަޔަކަށް އެންމެ ހައިރާން ކަމެއް ގެނުވީވެސް މި ހުރިހާ މަސައްކަތެއް އޭނާ ކުރީ މިކަމަށް ފަރިތަ އަދި ކުޅަދާނަ މީހަކު ކުރާނެ ގޮތަށް ވުމުންނެވެ.
"ބައެއް މީހުން ތިބޭ މިހާރު މި ކަންކަން ކުރާތީ ހައިރާންވެފަވެސް. މިހާރު ދެން މަޝްހޫރު މީހަކަށްވީމަ މިކަންކަން ކޮށްފާނެއޭވެސް މީހުން ހިތައްވެސް ނާރުވާ." ސުނީތާ ބުންޏެވެ. "އެކަމަކު މަޝްހޫރު މީހަކަށް ވީމައޭ ކިޔާފައި ކުރަން ނޭނގުމާއި ނުކޮށް ހުރުމަކީ އަހަރެން ގަބޫލުކުރާކަމެއް ނޫން،"
ސުނީތާ ބުނީ ރަށަށް އައުމުން އަބަދުވެސް ކުޑައިރުގެ އެކި ހަނދާތައް އަވާކަމަށާއި ނަމަވެސް މި އީދު ވެގެންދިޔައީ އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާކޮށްލަން ލިބުނު ބޮޑު އީދަކަށް ކަމަށެވެ.