ފިނިޕޭޖް

އަދިވެސް އެންމެ ޑިމާންޑު ބޮޑީ ސުނީއަށް!

ސުނީތާ އަލީ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ހަޔާތަށް އިންގިލާބެއް ގެނުވި ކުޅަދާނަ އަންހެނެކެވެ. ދިވެހިންގެ ހިތްތައް ދީވާނާ ކުރުވަމުން ސްޓޭޖެއް މަތީގައި ސުނީގެ ގަދަ ނެށުންގަނޑު ދައްކައިލާތާ މިހާރު ވިއްސަކަށް އަހަރުވެދާނެ އެވެ. މި ދާއިރާގެ ގިނަ ބައެއްގެ ފިއްތުންތަކަށްފަހުވެސް، ސުނީގެ ހުށަހެޅުންތައް ދަނީ އަދިވެސް ކުރިއަށެވެ. ސްޓޭޖް މަތިން ބާލުވާކަށް އެކަކަށްވެސް ނުކެރެ އެވެ. ސުނީ ބުނަނީ ނުވެސް ފައިބާނެ ކަމަށެވެ.

މި ދާއިރާއިން ސުނީގެ އަޑު ފަނޑު ނުވާ ދުވަސްކޮޅެއް ނުދާނެ އެވެ. މީގެ މަހެއް ކުރިން އެންމެ އަޑު ގަދަ ކޮށްލީ ސުނީ ވިއްކާ އޯގޭނިކް ކާށި ތެލެއްގެ ވާހަކަ އެވެ. މިހާރު ވައިގައި ހިފާފައި މިއޮތީ ވަރުބަލިކަމެއްނެތި ސުނީ ކޮންމެ ރެއަކު ހުށަހައިދޭ ހުށަހެޅުންތަކުގެ ވާހަކަ އެވެ. ހިތާނީ މޫސުމުގެ ކުޑަ އީދު އައިސް، ޒަމާނުއްސުރެ ދިވެހިން ޖަހާ ސަރަކާތްތައް މެދުނކެނޑި ދަނީ ކުރިއަށެވެ. މި މަޖާގަނޑުގައި އެންމެ ޑިމާންޑު ބޮޑުކޮށް އުޅެނީ ސުނީ އެވެ.

"ނޮވެމްބަރު 23 ގައި ފެއްޓީ ހިތާނީ ޝޯތައް ދޭން. ދެން އޭރު ފެއްޓި ގޮތައް ކޮންމެ ރެއަކުހެން އެބަ ޝޯ ދެން. ކޮންމެ ގެއަކަށް ގޮސްވެސް ތިން ގަޑި އިރު، ހުއްޓާނުލާ ޝޯ ދޭ އިރު ބައެއް ފަހަރު އެބަ ނެޝޭ، މީގެ އަހަރުތަކެއް ކުރިން ނަށާފައިވާ މީހުންނާ އެކުވެސް. ފުލުފުލުގައި ޝޯތައް ދެނީ އާއިލާތަކުން ސުނީ އާ ދޭތެރޭ ބަހައްޓާ ގާތްކަމުން، ހުއްޓާލާ ހިތް ނުވާތީ." ހިތާނީ ފޯރީގައި ގޭގޭ ސިޓިންގ ރޫމުތައް ފަޅުފިލުވަމުންދާ ސުނީ ބުންޏެވެ.

ސުނީގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް

އަވަސް އާ ވާހަކަ ދައްކަމުން ސުނީ ބުނި ގޮތުގައި ނޮވެމްބަރ 23 ގައި ޝޯ ދޭން ފެށި ގޮތަށް މިހާރު 25 އަށް ވުރެ ގިނަ ޝޯ ދެވިފައިވާނެ އެވެ. އަދި މި އަހަރު ބާކީ ހުރި ދުވަސްކޮޅުވެސް ޝޯ ތަކެއް ހުރި ކަމަށާއި، ބޮޑަށް ބަލަނީ މާލޭގެ ގެތަކަށް ދެވޭތޯ ކަމަށެވެ. އެހެންނަމަވެސް ސުނީ ވަނީ ތ. ބުރުނީ އަށާއި، ހދ. ނޮޅިވަރަމަށްވެސް ގޮސްފަ އެވެ. މި ދެ ރަށުންވެސް ސުނީއަށް މަރުހަބާކީ ބޭރު ފިލްމީ ތަރިއަކަށް މަރުހަބާ ކިޔާހާ ހޫނު ކޮށެވެ. އެހާ ކުލަގަދަ ކޮށެވެ.

"ރަށްރަށުންވެސް ވަރަށް ގުޅާ ދައުވަތު ދޭން. އެކަމަކު ބޮޑަށް ބަލަނީ މާލޭގައި ހުށަހެޅުންތައް ދޭން. ބުރުނީ އަށާއި ނޮޅިވަރަމަށް ދިޔައީވެސް އެކަނި. ހަމަ ވަރަށް އާދޭސްކޮށްގެން އެންމެފަހުން ދިޔައީ. ކޮންމެ ޝޯ އަކަށްވެސް ސުނީ ބުނި އަގެއް ދީފަ ވިޔަސް ގެންދަން ތައްޔާރަށް ތިބެނީ" ސުނީގެ ހުށަހެޅުންތަކަށް ޑިމާންޑު އޮތްވަރު ކިޔައިދެމުން ސުނީ ބުންޏެވެ.

އެންމެ ސޯޅަ އަހަރުގައި ސްޓޭޖު މައްޗަށް އަރައި އޭނާގެ މޮޅެތި ބަނޑިތަކުން ދިވެހިން އާޝޯހު ކުރުވި ސުނީ އަކީ މި ދާއިރާއަށް އެކަނި ނިކުތް އަންހެނެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް ފަންނާނުންގެ ފިއްތުންތަކާއި އުނދަގޫތަކަށް ފަހުވެސް ސުނީގެ މަޝްހޫރު ކަމާއި މަގުބޫލުކަން ކުޑައެއް ނުވެ އެވެ. އެރީ މައްޗަށެވެ. ޑިމާންޑު ބޮޑުވީ ސުނީ އަށެވެ. އެ ހިތްވަރާއެކު ނަށާތާ މިހާރު ތޭވީސް އަހަރުވެފައިވާއިރު ސުނީއާ އެއްވަރަށް އެ ފެންވަރުގައި، ހުއްޓުމެއްނެތި، ވަރުބަލިކަމެއްނެތި، ނަށާލެވޭނެ ފަންނާނެއް މިއަދު ނުހުންނާނެ ކަމަށް ފަހުރުވެރި ކަމާއެކު ސުނީ ބުނެ އެވެ.