އޮފްބީޓް

ފަސްޓް ކްލާހުން ޓިކެޓް ވިއްކުނީ އިކޮނޮމީ އަގުގައި

ކެތޭ ޕެސިފިކްގެ އޮންލައިން ޓިކެޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އެއާލައިންގެ އެންމެ އަގު ބޮޑު ފަސްޓް ކްލާސް ޓިކެޓްތަކެއް އިކޮނޮމީ ކްލާހުގެ ޓިކެޓް ވިއްކާ އަގުގައި ވިއްކައިފި އެވެ. މިއީ މި މައްސަލަ އެ އެއާލައިންގެ ސިސްޓަމަށް ކުރިމަތިވި ދެވަނަ ފަހަރެވެ.

ހޮންކޮންގް އިން ޕޯޗުގަލްއަށް ދިއުމަށް ކެތޭ ޕެސިފިކް ފަސްޓް ކްލާހުން އިން ވިއްކާ ޓިކެޓެއްގެ އަގަކީ 16،000 ޑޮލަރެވެ. މި އަގަށް ވިއްކާ ޓިކެޓް ކެތޭ ޕެސިފިކްގެ ވެބްސައިޓުން އޮޅިގެން ވިއްކުނީ 1512 ޑޮލަރަށެވެ. ޓިކެޓުގެ އަގުތައް ނުބައިކޮށް ޖެހި، ވިއްކާފައިވަނީ އާދިއްތަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލަ ހިނގި ގޮތް މިހާރު ބަލަމުންދާ ކަމަށާއި، މިހާރު ޓިކެޓު ގަނެފައިވާ ފަރާތްތަކަށް އިތުރު ޗާޖެއް ނެތި ޓިކެޓުގައިވާ ގޮތަށް ފަސްޓް ކްލާސްގެ ހިދުމަތް ދޭނެ ކަމަށެވެ.

މިއީ އެ އެއާލައިނަށް ޓިކެޓުގެ އަގުތައް އޮޅިގެން ވިއްކުނު ދެވަނަ ފަހަރެވެ. ގިނަ އަހަރުތަކެއް ވަންދެން ގެއްލުމުގައި ހިންގާ އެ އެއާލައިނުން ހެޔޮ އަގުގައި ފަސްޓް ކްލާސް ޓިކެޓެއް ވިއްކުނު މައްސަލަ ތަކުރާރުވިޔަސް، ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ތަފާތު ކުރުމެއް ނުގެން ގުޅެން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. ޓިކެޓު ގަތް ހުރިހާ ފަރާތްތަކަށްވެސް މަރުހަބާ ކިޔާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ކެތޭޕެސިފިކް އެއާލައިނަކީ މިކަހަލަ މައްސަލަތައް ތަކުރާރުކޮށް ދިމާވާ އެއާލައިނެއް ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެއެވެ. މިގެ މަހެއް ކުރިން، ކެތޭ ޕެސިފިކްގެ ބޯޓެއްގައި އެއާލައިނުގެ ނަން ޖަހާފައިވާއިރު އެއް އަކުރު މަދުން ޖެހި އެކަމަށްވެސް ސޯޝަލް މީޑިއާގައި ވަނީ ޖޯކު ޖަހާފަ އެވެ. މިކަހަލަ ކޫސަނި ކަންކަން ދިމާވުމުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް އެ ކުންފުންޏަށް ފައިދާ ކުރެ އެވެ. މިކަހަލަ ކަންކަން ވަނީ އެ ކުންފުންޏަށް ލިބޭ ހިލޭ ޕީއާރުއަށެވެ.