އޮފްބީޓް

ޒުވާންކަން ދައްކަން ޓްރަމްޕްގެ ފޮޓޯ އެޑިޓް ކުރާކަން ފަޅާއަރައިފި!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުން އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަނީ ފޮޓޯޝޮޕްކޮށްގެން ކަމަށް ބުނެ އެ މައްސަލަ ވަރަށް ހޫނު ކޮށްލައިފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ ހަފްލާއަކަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކަކަކީ އެޑިޓް ކޮށްފައި ހުރި ފޮޓޯތަކެއް ކަމަށް ބުނީ ވެބްސައިޓް "ގިޒްމޯޑޯ" އިންނެވެ. ގިޒްމޯޑޯއިން ބުނި ގޮތުގައި އެ ފޮޓޯތައް ޓްރަމްޕްގެ ޓީމުން، ސޯޝަލް މީޑިއާގައި ހިއްސާ ކުރި އިރު ހުރީ ބަދަލުތަކެއް ގެނެސް ޒުވާންކަމަށް ދައްކުވާފަ އެވެ. އެމަނިކުފާނުގެ ހަށިގަނޑަށާއި ހަމުގެ ކުލަ ދޮން ކޮށްފައިވާ ކަމަށާއި އިސްތަށިގަނޑު ވެސް ރީތިކޮށްފައިވާ ކަމަށް އޭގައި ބުނެ އެވެ.

އެޑިޓް ކޮށްފައި ހުރި ފޮޓޯތައް ޓްރަމްޕްގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރި އިރު ވައިޓް ހައުސްގެ ފްލިކާ ޕޭޖުގައި އޭގެ އަސްލު ފޮޓޯތައް ހުއްޓެވެ. އަދި ވައިޓް ހައުސްގެ ޕޭޖުގައި ހުރި ފޮޓޯތަކުގައި ބޮޑު ތަފާތު ތަކެއް ހުރި ކަމަށްވެސް ބުނެ އެވެ. ޓްރަމްޕްގެ ޓީމުން އެ ފޮޓޯތައް ހިއްސާ ކުރުމާއެކު ސޯޝަލް މީޑިއާގައި ވެސް އެއީ އެޑިޓް ކޮށްފައިވާ ފޮޓޯތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔެވެ.

ޓްރަމްޕްގެ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯތަކުގައި އެމަނިކުފާނުގެ އިނގިލިތައް ގިދު ކޮށްފައިވާ ކަމަށާއި، ކޯޓާއި ޓައީވެސް ހުރީ ރޫ ފިލުވާ ރީތިކޮށްފައި ކަމަށް އެކި ފަރާތްތަކުން ބުނެ އެވެ. ޓްރަމްޕްގެ ފޮޓޯތައް ހިއްސާ ކުރާއިރު އަތުގެ އިނގިލިތައް "ދިގު" ކުރާ ކަމަށް މީގެ ކުރިން ވެސް ވަނީ އެކި ފަހަރުމަތިން ބުނެފަ އެވެ.

މި ތުހުމަތުތަކަށް ޑޮނަލްޑް ޓްރަމްޕް އަދި ވައިޓް ހައުސް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.