ހަބަރު

ބޮޑުތަކުރުފާނު މަގުގައި އިންދާނެ ގަސް ހޯދަނީ

Jun 19, 2018
1

ތާރު އަޅައި ތަރައްގީކުރަމުންދާ މާލޭގެ ބޭރުމަގު، ބޮޑުތަކުރުފާނު މަގުގައި އިންދަން ގަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުން ބްރިޖާއި އިންޑަސްޓްރިއަލް ވިލެޖް ގުޅޭ ހިސާބު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް މިހާރު ފަށާފައިވާ "ރިންގް ރޯޑް" މަޝްރޫއުގެ މަސައްކަތް ފެށުމަށް ހައުސިން މިނިސްޓްރީން ވަނީ ބޭރު މަގުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ނަގައި ނައްތާލާފަ އެވެ. އެގޮތުން އާޓިފިޝަލް ބީޗާއި ސެނެހިޔާ ހުންނަ މަގުގެ އަރިމަތީގައި ހުރި ބޮޑެތި ގަސްތައް ވެސް ވަނީ ނަގާފަ އެވެ. އެ ގަސްތަކުގެ ބަދަލުގައި އާ ގަސްތަކެއް އިންދާނެ ކަމަށް ބުނުމަށް ފަހު އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ގަސް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ބަޔަކު، އެކަމަށް އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފަ އެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު މިނިސްޓްރީއަށް އަގު ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ.

ބޭރު މަގުގައި ޖެހުމަށް މިނިސްޓްރީން ހޯދަން އިއުލާންކޮށްފައިވަނީ ކިހާ އަދަދެއްގެ ގަހެއް ކަމެއް ނޭނގެ އެވެ. ނަމަވެސް މިނިސްޓަރު ޑރ މުހައްމަދު މުއިޒް މީގެ ކުރިން ވިދާޅުވެފައިވަނީ ބޭރު މަގު ނިންމާއިރު 400 އަށްވުރެ ގިނަ ގަސް މަގުގެ ދެ އަރިމަށްޗަށް ވާގޮތަށް އިންދާނެ ކަމަށެވެ.