ހަބަރު

އެމްޑީޕީ ބާކީކޮށް މައުމޫންގެ ބޭފުޅުންނާ އެކު ޖޭޕީ ކޯލިޝަން އިއުލާންކޮށްފި

Jun 19, 2018
3

ކޯލިޝަނެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ނުހިމަނާ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ "ޖުމްހޫރީ ކޯލިޝަން" އެ ޕާޓީއިން މިއަދު އިއުލާންކޮށްފި އެވެ. އެ ކޯލިޝަންގައި ރައީސް މައުމޫންގެ ބޭފުޅުންނަށް އިސް މަގާމުތަކެއް ދިނުމަށް ވަނީ ހިމަނައިފަ އެވެ.

ޖަރުމަނުގައި ހުންނަވައިގެން ފޭސްބުކް ލައިވް މެދުވެރިކުރައްވާ ގާސިމް ވަނީ "ޖުމްހޫރީ ކޯލިޝަން"ގެ ހިޔަނި ކެބިނެޓާއި އެ މަގާމުތަކަށް ހަމަޖައްސާނެ ބޭފުޅުން ވެސް މިއަދު އިއުލާން ކުރައްވައިފަ އެވެ. އެގޮތުން، ޖުމްހޫރީ ކޯލިޝަންގައި 20 މިނިސްޓްރީ އުފައްދަން ވަނީ ހިމަނައިފަ އެވެ. އެގޮތުން، ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން ވެސް ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓްގައި ވަނީ ހިމަނުއްވައިފަ އެވެ.

އެގޮތުން، ދުންޔާ މައުމޫން އަށް ހިޔަނި ކެބިނެޓްގެ ފޮރިން މިނިސްޓަރުކަން އަދި މުޅިން އަލަށް އާޓްސް އެންޑް ކަލްޗަ މިނިސްޓްރީއެއް އުފައްދައި އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް ޔުމްނާ މައުމޫން ހަމަޖައްސަން ގާސިމް ވަނީ
ހިމަނުއްވައިފަ އެވެ.

ގާސިމްގެ ހިޔަނި ކެބިނެޓް

  • ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
  • ނައިބް ރައީސް: ޑރ. މުހައްމަދު ޖަމީލް އަހްމަދު
  • ބަންޑާރަނައިބް: އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު
  • ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
  • ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒު
  • ފައިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ
  • ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
  • އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން
  • ހައުސިން މިނިސްޓަރު: ޝައިހް އިމްރާން އަބްދުﷲ
  • ޓޫރިޒަމް މިނިސްޓަރު: ކާނަލް މުހައްމަދު ނާޒިމް
  • އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ރަޝީދު
  • އިސްލާމިކް މިނިސްޓަރު: އަލީ ޒާހިރު
  • ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް
  • ފިޝަރީޒް މިނިސްޓަރު: ޑރ. ހުސައިން ރަޝީދު
  • ހެލްތް މިނިސްޓަރު: ޑރ. ޝާހް މާހިރު
  • ހަޔަ އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު ފަޔާޒު
  • ލޭބަރ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
  • ޓްރާންސްޕޯޓް މިނިސްޓަރު: އަމީން އިބްރާހީމް
  • ޖެންޑަ މިނިސްޓަރު: ޝިދާތާ ޝަރީފް
  • ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
  • އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު އާސިމް

ޖުމްހޫރީ ކޯލިޝަނެއްގެ ވެރިކަމެއްގައި، މަޖިލީހުގެ ރައީސްކަމަށް އައްޔަން ކުރާނީ މިހާރުވެސް ޖަލުގައި ހުންނެވި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ކަމަށް އޭނާ އިއުލާން ކުރެއްވި އެވެ. އަދި މަޖިލީހުގެ ނައިބަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހަމައްޖައްސާނެ ކަން ވެސް އިއުލާން ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓް އެމަނިކުފާނު އިއުލާން ކުރެއްވީ އެ ޕާޓީއާ އެކު ކުރިއަށް ދާނެ ބޭފުޅުން ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ނަންތަކާ އެކު އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބައެއް ބޭފުޅުން މަގާމުތަކަށް ވަޑައިގަތުމަށް ފަހުން އިއުތިރާޒް ކުރައްވަފާނެ ކަމަށެވެ.

އޭނާ މިއަދު ވިދާޅުވީ ހިޔަނި ކެބިނެޓެއް އިއުލާން ކުރައްވަން ޖެހިވަޑައިގަތީ އިންތިހާބު ކައިރިވާ އިރުވެސް ގުޅިފައިވާ ޕާޓީތަކަށް އަދިވެސް އެއް ކެންޑިޑޭޓް ދެއްކިފައި ނުވާތީ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓެއް ދެއްކޭ ނަމަ އިންތިހާބަށް ނުކުންނަވާނީ އެ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.