ކުޅިވަރު

ނިއުގެ ކޮންޓްރެކްޓް ބާތިލުކުރަން ދަގަނޑޭ ހުށަހަޅައިފި

ނިއު ރޭޑިއަންޓުން، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޭން ޖެހޭޕޭމަންޓް ނުދޭތީ، ކުލަބާއެކު ކޮންޓްރެކްޓް ބާތިލުކުރަން އަޝްފާގްގެ ފަރާތުން ހުށަހަޅާފައިވާ ކަން "އަވަސް" އަށް އެނގިއްޖެވެ.

ކޮންޓްރެކްޓް ބާތިލު ކުރުމަށް އެދި އަޝްފާގް ހުށަހަޅާފައި ވަނީ އެފްއޭއެމަށް ކަންވެސް ވަނީ އެނގިފަ އެވެ. މިކަމާ ބެހެގޮތުން އަޝްފާގްގެ ކޮމެންޓެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެފްއޭއެމްއަށް އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަނީ މައްސަލައާ ގުޅުން ހުރި ކޮމިޓީން ކަމަށެވެ.

ރާއްޖޭގެ ޓްރާންސްފާ ޕީރިއަޑް އޮތީ ބޯމަތިވެފަ އެވެ. ނިއުގެ ކޮންޓްރެކްޓް ބާތިލު ކުރަން އަޝްފާގް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން، އެފަދަ ހުށަހެޅުމެއް އޭނާގެ ފަރާތުން ކުލަބަށް ހުށަހަޅާފައިވޭތޯ ސުވާލު ކުރުމުން ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ އެ ފަދަ މައްސަލައެއް އަޝްފާގް ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އަޝްފާގްއަށް ދޭން ޖެހޭ ޕޭމަންޓް ނުދީ ވާނެތޯ ސުވާލު ކުރުމުން ނިޔާޒު ވަނީ އަޝްފާގް ދޭން ޖެހޭ ޕޭމަންޓް ނުދެވިވާކަމަށް އެއްބަސް ވެފަ އެވެ.

"ކޮންޓްރެކްޓްގައި ޕޭމަންޓް ދޭން ކަނޑައަޅާފައިވާ ތާރީހަށް ވުރެ ލަހުން ދެވެނީ މިދިޔަ ސީޒަންގައިވެސް އެހެން ދިމާވޭ، ނަމަވެސް ކުލަބުން ދިޔައި އެ މައްސަލަ ހައްލު ކުރަމުން." ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަޝްފާގް އާ ނިއު ރޭޑިއަންޓާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާއަކީ ކުަލަބަށް 100 ޕަސްޓް ދޭ ކުޅުންތެރިޔެއް ކަމަށެވެ. އަދި އަޝްފާގް އަށް ޕޭމަނޓް ނުދީ އޮތް މައްސަލަ ކުލަބުން ހައްލު ކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޝްފާގްގެ އިތުރުން އިމްރާން [މުހައްމަދު]، [އަލީ ފާސިރު] ސެންޓޭގެ ޕޭމަންޓް ޑިލޭއެއް އުޅޭ،" އޭނާ ވިދާޅުވި އެވެ. "ސަބަބަކީ އެ ތިން ކުޅުންތެރިންނަކީ ކުލަބުގެ ވަކިވަކި ސްޕޮންސަރުންގެ ފަރާތުން އެ ކުޅުންތެރިންގެ ޕޭމަންޓްގެ ކަންކަން ހަމަޖައްސާފައިވާ ކުޅުންތެރިން، އަޅުގަނޑަށް ޔަގީން ކުލަބުން އަޝްފާގްގެ ކަންބޮޑުވުން ހައްލު ކޮށްދޭނެ ކަން."

"އަޝްފާގްގެ ފަރާތުން ކުލަބަށް ކޮންޓްރެކްޓާ މެދު ހުށަހެޅުމެއް އައިސްފައެއް ނެތް، ނަމަވެސް އެއީ އަޝްފާގް އަށް ލިބިގެންވާ ހައްގެއް ކޮންޓްރެކްޓާ މެދު ވަކިގޮތެއް ނިންމަން އެކަމަކާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅުމަކީ، އެކަމަށް އަޅުގަނޑުމެން ފުރިހަމައަށް އިހްތިރާމު ކުރަން."

މާލޭ ލީގް ފަހު މެޗުގައި، މިރޭ ނިއު ނިކުންނާނީ މާޒިޔާ އާ ދެކޮޅަށެވެ. މާލޭ ލީގް ޗެމްޕިއަންކަން ނިއު އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އަޝްފާގް އެވެ.