ކުޅިވަރު

މާޒިޔާ ބަލިކޮށް، ނިއު ޝީލްޑް އުފުލާލައިފި

މާލޭ ލީގްގެ އެންމެ ފަހު މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މި އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓުން މާލޭ ލީގްގެ ޝީލްޑް އުފުލާލައިފި އެވެ.

މުބާރާތް މެދަކާ ހަމައިން ފެށިގެން ތާވަލުގެ އެއް ވަނައިގައި ނިއު ދިޔައީ ލީޑް ދަމަހައްޓަމުންނެވެ. ބާކީ ތިން މެޗު އޮއްވައި ނިއު އިން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރި އެވެ.

ރޭ ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި މާޒިޔާގެ ލަނޑު ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ފުރަތަމަ ހާފު ނިމެންދެން މާޒިޔާއިން ލިޑްގައި ހިފަހައްޓާލި އެވެ.

ނަމަވެސް، ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި، ހަސަން އަދުހަމް ވަނީ ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްފަ ދީފަ އެވެ. އަދި މެޗުގެ 61 ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަން ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

މިއީ ނިއު އިން މާލޭ ލީގް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. ނުވަ އަހަރުގެ މެދު ކެނޑުމަކަށް ފަހު މޭލޭ ލީގް އަލުން ބާއްވަން ފެށިއިރު، މީގެ ކުރިން ނިއު އިން އެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2004 ވަނަ އަހަރު އެވެ.

މެޗުގެ ކުރިން، މީޑިއާގައި ފެތުރިގެން ދިޔަ ވާހަކަ އަކީ، ނިއުގެ ކެޕްޓަން އަލީ އަޝްފާގް، އެ ޓީމުގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް އެފްއޭއެމްއަށް މައްސަލަ ހުށަހެޅި ވާހަކަ އެވެ. އެއީ އޭނާއަށް ދޭން ޖޭހޭ ޕޭމަންޓް ކުލަބުން ނުދީ އޮތުމުގެ ސަބަބުންނެވެ. ފުރަތަމަ 11 ގައި ހިމެނިގެން އަޝްފާގް ހިމެނިފައި ނެތުމުން، އެކަމާ ބެހޭގޮތުން އެކި ސުވާލުތައް އުފެދުނެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާގް ކުޅެން ނިކުތުމުން، ނިއުގެ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ.

އިއްޔަ ހަވީރު ޓީސީ އާއި ވިކްޓަރީ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ކޮށްގެންނެވެ. ޓީސިގެ ލަނޑު އިބްރާހިމް މަހްދި ހުސައިން މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރި އެވެ. ވިކްޓަރީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ސިމޯން ޓިބޯރް ކާމިޔާބު ކުރީ 40 ވަނަ މިނެޓްގަ އެވެ.