އައްޑޫ ސިޓީގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކުރަން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ނިންމައިފި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އައްޑޫ ސިޓީގައި ފަށަން ނިންމާފައިވާ ސާވޭއަށް ވޮލެންޓިއަރުންނަށް ވުމަށް ހުޅުވާލާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލާއި މޯސްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނާ ގުޅިގެން އެޗްއާރްސީއެމުން މިފަދަ ސާވޭއެއް ކުރަން ނިންމީ އައްޑޫގައި ތިބި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު ދެނެގަތުމަށް ކަމަށް އެކޮމިޝަނުން ބުންޏެވެ. އަދި މި ސާވޭގެ ނަތީޖާއަށް ބަލައި އެ ފަދަ މީހުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ރަނގަޅު މޮނިޓަރިން ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ވެސް އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ސާވޭ ފަށަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. ތިން ދުވަހަށް ކުރިއަށްގެންދާ މި ސާވޭގައި އެޗްއާރްސީއެމްގެ ޓީމްތަކުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ގެތަކަށް ގޮސް މައުލޫމާތު އެއްކުރާނެ އެވެ.