ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ގުޅިގެން އިޒްރޭލަށް ބޭއިންސާފުން ފާޑިކިޔާ ތަފާތު ކުރާކަމަށް ބުނެ، އެމެރިކާ އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ވަކިވެއްޖެ އެވެ.
"އަމިއްލަ އެދުން ބޮޑު" މިމަޖިލީސް ވަނީ "އިންސާނީ ހައްގުތައް ބޮޑު ޖޯކަކަށް" ހަދާފައި ކަމަށް، އެމެރިކާއިން އދ ކަނޑައަޅާފައިވާ މަންދޫބު ނިކީ ހޭލްސް ވަނީ އެ ނިންމުން އިއުލާނު ކުރައްވަމުން ތުހުމަތު ކުރައްވާފަ އެވެ.
އެމެރިކާގެ މި ނިންމުމާމެދު އދ ގެ އިތުރުން އީޔޫގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، އިޒްރޭލުން ވަނީ އެމެރިކާގެ "ހިތްވަރުގަދަ" ނިންމުމަށް ތައުރީފުކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު އައި ފަހުން، އދ ގެ މި ކައުންސިލުން ވަކިވާނެ ކަމުގެ އިންޒާރުތައް ވަނީ އެކި ފަހަރު މަތިން ދީފަ އެވެ. އަދި އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ، މިދިޔަ މަހު ޣައްޒާގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި ފަލަސްތީނު މީހުންގެ މައްސަލާގައި، އިޒްރޭލާއި ދެކޮޅަށް ތަހުގީގެއް ހިންގުމަށް އދ ކައުންސިލުން ނިންމާފައިވަނިކޮށެވެ.
މީގެ އިތުރުން، އެމެރިކާ-މެކްސިކޯ ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް އެތެރެވާ ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާއި ދުރުކޮށް ހައްޔަރުކުރާތީ، ކުޑަކުދިންނާއި އިންސާނީ ހައްގުތަކާއިބެހޭ އެކި ޖަމިއްޔާތަކުގެ ފާޑުކިޔުންތައް އެމެރިކާއަށް ވަނީ އަމާޒުވެފަ އެވެ.
އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ގައުމުތަކަށް ޖާގަ ދޭކަމަށް ބުނެ، އެމެރިކާ އިން ވަނީ 2006 ގައި އުފެދުނު 47 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލާއި ގުޅުމަށް އިންކާރުކޮށްފަ އެވެ. އެމެރިކާއިން އދ މި ކައުންސިލާއި އަލަށް ގުޅުނީ އޭގެ ތިން އަހަރު ފަހުން 2009 ގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގަ އެވެ.
އެމެރިކާގެ މި ނިންމުމުގެ ސަބަބުން، ހަނގުރާމަތަކާއި ދާހިލީ ހަމަނުޖެހުން ބޮޑުވެފައިވާ ސީރިއާ، ދެކުނު ސުދާން އަދި މިޔަންމާ ފަދަ ގައުމުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް، ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމަށް ކަމާބެހޭ ގިނަ ބޭފުޅުން ދަނީ ބުނަމުންނެވެ.