ހަބަރު

ވޯކް ވިސާ މައްސަލަ ހައްލުކުރަން އިންޑިއާ އިސް ނަގައިފި

Jun 20, 2018
2

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ވިސާ އާއި ވާކް ޕާމިޓް އާ ނުކޮށްދޭ މައްސަލަ ހައްލު ކުރަން އިންޑިއާ އިން ރަސްމީކޮށް ފަށައިފި އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނެފައިވާ ގޮތުގައި، ވިސާ މައްސަލައިގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަހްމަދު އާސިމަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި، ވިސާ ނުލިބިގެން އިންޑިއާ މީހުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވައި މައްސަލަ ހައްލުކޮށްދެއްވަން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހާރިޖީ ބޭފުޅުންނާއި މިދިޔަ ހަފްތާގައި ބައްދަލުވުންތަކެއް ބާއްވާފައި ކަމުގައި ވެސް އެ ރިޕޯޓުގައިވެ އެވެ.

ވޯކް ވިސާ މައްސަލާގައި "އަވަސް" އާ ވާހަކަދެއްކެވި ބައެއް ކުންފުނިތަކުން ބުނީ މިދިޔަ މާޗު މަހުން ފެށިގެން އިންޑިޔާ މީހުންނަށް ވިސާ ދިނުން ހުއްޓާލާފައިވާ ކަމަށާއި އެ ގައުމުން އެއްވެސް މީހަކު ނުގެނެވޭ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ދަތިތަކެއް ވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިތަކުން ބުންޏެވެ.

އެގޮތުން ގާތްގަނޑަކަށް 29،000 އިންޑިޔާ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ އިރު 2000 މީހުން ވިސާ ހޯދުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް ހަމަޖައްސައި ނުދީ ހިފަހައްޓާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށް ރަސްމީ ކޮށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ނެތް ކަމަށް، އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެ ފަ އެވެ.

ވޯކް ވިސާ މައްސަލަ ބޮޑުވެފައިވާ އިރު، އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑިއާ އިން ރާއްޖެއަށް ވޯޓު ނުދޭކަމަށާއި، އެ ގޮނޑި ކާމިޔާބުވިޔަ ނުދިނުމަށް އިންޑިއާ އިން މަސައްކަތް ވެސް ކުރިކަމުގެ އަޑުތައްވަނީ ފެތުރިފަ އެވެ.

ދެގައުމުގެ ގުޅުން ވަރަށް ބޮޑުތަން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އިންޑިޔާގެ ދެ ހެލިކޮޕްޓަރ ވެސް އަނބުރާ ފޮނުވާލަން ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް އަންގައިފަ އެވެ. އަދި އިންޑިޔާ އިން ވެސް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އަންނަ ރިޔާސީ އިންތިހާބާ މެދުވެސް ސުވާލު އުފައްދައިފަ އެވެ.