ހަބަރު

އަލީދޫގެ ކުއްޔާއި ޖޫރިމަނާއަށް 29 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

Jun 20, 2018
1

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖުރިމަނާއަށް 29 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައުލަތަށް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ އެއް އަހަރު ތެރޭގައި ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަލީ ކުރައްވާފައިވާ ހުކުމުގައި ބުނަނީ ޔޮޓް ޓްއާސް އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މޭ 5، 2005 ގައި ހއ. އަލިދޫގައި ރިސޯޓެއް ތަރައްގީ ކުރަން ކުރި ލީސް އެގްރިމެންޓްގެ ދަށުން އަލިދޫގެ ކުލީގެ ގޮތުގައިު ދައުލަތަށް 5،604،166.70 އެމެރިކާ ޑޮލަރު (ފަސްމިލިއަން ހަތްލައްކަ ހަތަރުހާސް އެއް ސަތަކޭ ފަސްދޮޅަސް ހައެއް ޕޮއިންޓް ހަތެއް ސުމެއް ޑޮލަރު) އާއި އެ ފައިދާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އޭޕްރީލް 10 2017 އިގެ ނިޔަލަށް ދައްކަން ޖެހޭ 23،403،502.30 އެމެރިކާ ޑޮލަރު ޔޮޓް ޓްއާސް އިން މީރާއަށް ނުއްދަކާ އޮތްކަން ހުށަހެޅި ލިޔެ ކިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އިނގިރޭސި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ޖާބިރުގެ ކުންފުނީގެ މައްޗަށް ކުރި އެ ހުކުމުގައި ބުނަނީ އަލީދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އޭޕްރީލް 10، 2017 އާ ހަމައަށް ދައްކަން ޖެހޭ 29،007،669.00 އެމެރިކާ ޑޮލަރު (އޮނަތިރީސް މިލިއަން ހަތްހާސް ހަސަތޭކަ ފަސްދޮޅަށް ނުވައެއް ޑޮލަރު) އާއި ފައިސާ ދައްކާ ނިންމުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ އާއިއަކީ ޔޮޓް ޓްއާސް އިން ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ބުނެފައި ވަނީ އެ ފައިސާ މީރާއަށް ލިބި ދިނުމުގެ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.