ހަބަރު

އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭނީ ދަފްތަރު މީހުން!

ހިޔާ މަޝްރޫއުގެ ފްލެޓް ދޭ ކެޓަގަރީތަކުގެ ތެރެއިން ދަފްތަރުގައި ހިމެނޭ މީހުންގެ ކެޓަގަރީން ފިޔަވައި އެހެން ކެޓަގަރީތަކުން ފްލެޓަށް އެދޭ މީހުންގެ ފޯމާއެކު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހައުސިން މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސްފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 7000 ފްލެޓް 13 ކެޓަގަރީއަކަށް ބަހާލާފައިވާއިރު، ފްލެޓަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ވެފައިވާކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބަލައިގަންނަ ގޮތަކީ ފްލެޓް ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތަކުގެ ތެރޭގައި ފްލެޓަށް އެދި ހުށަހަޅާ ފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ހިމެނިފައި އޮތުމެވެ. މިއީ ވަރަށް ގިނަ ފަރާތްތަކަކުން މީގެ ކުރިންވެސް ޖެއްސި މައްސަލައެކެވެ. ސަބަބަކީ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުން އުނދަގުލަކަށް ވެފައި އޮންނަ އޮތުމެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް މިރޭ "އަވަސް" އަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ފޯމް ބަލައިގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އާންމުން އެންމެ ގިނައިން ޝަކުވާކުރާ އެއް މައްސަލައަކީ ފޯމާއެކު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހެޅުން މަޖްބޫރުކޮށްފައި އޮންނަ އޮތުން ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ފްލެޓަށް ފޯމް ލާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ދަފްތަރުގައި ހިމެނޭ މީހުންގެ ކެޓަގަރީ ނޫން ކެޓަގަރީތަކުން ފްލެޓަށް އެދި ހުށަހަޅާއިރު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހެޅަން ނުޖެހޭ ގޮތަށް ހެދުމަށް ކަމަށް ފަޒާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ބުނެލަން ބޭނުން، ފްލެޓަށް އެދޭނަމަ ފޯމް ހުށަހަޅަން. ކުރީގެ ފޯމްތައް ކެންސަލް އެއް ނުވޭ. އެހެން ނަމަވެސް މި ބުރުގެ ފްލެޓް ތަކަށް މާސްކް ދޭ ކްރައިޓީރިއާ ތަފާތުވާތީ ކުރިން ފޯމް ލާފައި ތިބި ފަރާތްތަކުން ވެސް އެބަ ޖެހޭ ފޯމް ލާން،" ފަޒާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބެންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ ގޮތާ މެދު ވެސް ބައެއް މީހުންނަށް އޮޅުން އަރާ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ.

"ފްލެޓް ފޯމާއެކު ހުށަހަޅަންޖެހޭ ބޭންކް ސްޓޭޓްމަންޓްގައި ކޮންމެހެން ނުޖެހޭ ބޭންކްގެ ސްޓޭމްޕާއި ސޮއި އޮންނާކަށް. ޑައުންލޯޑް ކުރާ ސްޓޭޓްމަންޓް ބަލައިގަންނާނެ، އަދި ފޯމް ލާން އަންނަން ޕަވާ އޮފް އެޓާނީ އެއް ވެސް ބޭނުމެއް ނުވޭ. ބަދަލުގަ އަންނަ މީހާގެ އައިޑީކާޑް ހިފައިގެން އައީމަ ފޯމް ލެވޭނެ،" ފަޒާލް ވިދާޅުވި އެވެ.

ހިޔާ" ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ ޖުލައި 31 އެވެ.

ފްލެޓް ފޯމްގެ އެންމެ ކެޓަގަރީއެއް ފިޔަވާ އެހެން ކެޓަގަރީތަކަށް އުފަންދުވަހުގެ ސެޓްފިކެޓް ލާން ނުޖެހޭ ގޮތަށް ހައުސިން އިން މިހާރު ނިންމާފައިވާއިރު، މި ހަފްތާއިން ފެށިގެން މިނިސްޓްރީން ވަނީ ފޯމް ބަލައިގަންނަ ވަގުތުތައް ވެސް އިތުރު ކޮށްފަ އެވެ.