ދުނިޔެ

އެމެރިކާއަށް ހިޖުރަކުރާ ކުޑަކުދިން އާއިލާއާ ވަކިނުކުރަން ނިންމައިފި

Jun 21, 2018

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ކުޑަކުދިން އާއިލާ އާއި ވަކިކޮށް، އާއިލާތައް ރޫޅާލަމުން ގެންދިޔުމާއި ގުޅިގެން، ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ނިންމުން އަނބުރާ ގެންދަވައިފި އެވެ.

"އަހަރެމެންގެ ބޯޑަރުތައް ވަރުގަދަ ކުރާނަން، އެކަމަކު އާއިލާތައް ރޫޅާ ނުލާނަން،" ގަރާރުގައި ސޮއި ކުރެއްވުމަށްފަހު ކުޑަކުދިން އާއިލާތަކާއި ވަކިކުރަން ބޭނުންނުވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ހަރުކަށި ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ޓްރަމްޕް އަނެއްކާވެސް ދެއްވި އެވެ.

ޓްރަމްޕް ސޮއި ކުރެއްވި ގަރާރުގައިވާ ގޮތުން، އެކުގައި ހައްޔަރުކުރެވޭ އާއިލާތަކުގެ ކޯޓު މަރުހަލާ ނިމެންދެން އެކުގައި ބޭއްތިއްބުމާއި، ކުޑަކުދިން ތިބޭ އާއިލާތަކުގެ މައްސަލަތައް އަވަސް ކުރުމާއި، ކުޑަކުދިން ހައްޔަރުގައި ބޭތިއްބޭނެ މުއްދަތު އިތުރުކުރުން ހިމެނެ އެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ގޮތުން، ބޮޑެތި މީހުންނާއެކު ކުޑަކުދިން ހައްޔަރުކޮށްފައި ނުބޭތިއްބޭތީ، އެތަކެއް ކުޑަކުދިންނެއް އެ ކުދިންގެ އާއިލާތަކާއި ވަނީ ވަކިކޮށްފަ އެވެ. ކުޑަ ކުދިންގެ ހައްގުތަކާއިބެހޭ ޖަމިއްޔާތަކުން ބުނާގޮތުގައި، ޑިޕޯޓްކުރެވޭ އެތަކެއް މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ވީގޮތެއް ނޭނގި ގިނަ ތަކުލީފުތަކާއި ކުރިމަތިލާންޖެހެ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހާއި ހަމައަށް 2،300 ކުޑަކުދިން ވަނީ މައިންބަފައިންނާއި ވަކިކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތައް ގެނެވުނު ބަދަލާއިއެކު، މިހާރު އާއިލާތަކާއި ވަކިކޮށްފައިވާ ކުދިންނާމެދު އަމަލު ކުރާނެ ގޮތެއް ހިމަނާފައެއްނުވެ އެވެ.