ހަބަރު

މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯއިން ހުޅުމާލެއަށް ކަރަންޓުދޭން އަޅާފައިވާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.

ހުޅުމާލެއިން ކަރަންޓު ގޮސްފައިވަނީ މިއަދު 10:00 ހާއިރު އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނީ، މިއަދު 10:00 ހާއިރު މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ބެލެވޭ ގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ މަސައްކަތް ކުރުމުގެ ތެރޭގައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ޖެހުނީ ސީދާ ކޮން މައްސަލައެއްކަން ސްޓެލްކޯއަށް އަދި ހޯދިފައި ނުވާ ކަމަށާއި، މައްސަލަ ދިމާވި ގޮތް ބަލައި ވީހާވެސް އަވަހަށް ހުޅުމާލެއަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.

"އަދި ސީދާ މައްސަލައަކީ ކޮބައިކަން ނޭނގެ. އެހެން ނަމަވެސް ވީހާވެސް އަވަހަށްކަރަންޓް ރީސްޓޯ ކުރަން އެބަ މަސައްކަތް ކުރަން،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވޭނެ އިރެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ހުޅުމާލެއިން ކަރަންޓު ގޮސްފައިވާއިރު ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ލުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.