ހަބަރު

މިފްކޯއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މީހުން ހޯދަނީ

Jun 21, 2018

މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫސިޓީގައި ތަރައްގީ ކުރަމުން އަންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުވައްޒަފުން ހޯދުމައް އައްޑޫސިޓީއާ ފުއައްމުލަކަށް އަމާޒުކޮށްގެން ރޭވި އޯޕަންޑޭ ފަށައިފި އެވެ.

މިފްކޯ އިން ބުނީ، މިމަހުގެ 20 އިން 22 އަށްކުރިއަށްދާ އޯޕަންޑޭގެ ހަރަކާތްތައް ފެށެފައިވަނީ އައްޑޫގެ ހުޅުމީދޫގައި ކަމަށެވެ. ދެދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތުގައި މިފްކޯގެ އޮޕަރޭޝަންއާއި ވަޒީފާގެ ދާއިރާއާއިބެހޭ ގިނަމައުލޫމާތުގެ އިތުރުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމްފުރިހަމަކޮށް އިންޓަވިޔު ކުރުން ކުރިއަށް ގެންދާ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނީ، ފުރަތަމަ ދަންފަޅިއަށްވެސް ހުޅުމީދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއްލިބިފައިވާ ކަމަށެވެ. އަދި ހުޅުމީދޫއަށްފަހު އޯޕަންޑޭގެ ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސ.ހިތަދޫ، ޝަރަފުއްދީން ސްކޫލްގައި 21ވަނަ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ. އޭގެ އިތުރުން މިމަހުގެ 22ވަނަ ދުވަހު ފުވައްމުލަކު ހާފިޒްއަހުމަދު ސްކޫލްގައިވެސް މިޕްރޮގްރާމްގެ އޯޕަންޑޭއެއް ބާއްވާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ، ރާއްޖޭގެ ދެކުނުގައި މަސްވެރިކަމުގެ ސިނާއަތުފުޅާކުރުމުގެ ގޮތުން އަައިސްޕްލާންޓްއަކާއިއެކު މަސްކިރައި ފިނިކުރެވޭނެ އިންތިޒާމްއާއިއެކު ތަރައްގީކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ މަަސައްކަތް ހަލުވިކަމާއިއެކު ނިމެމުންދާއިރު އެތަނުގައި 100 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

"ލެބޯޓަރީ، އިންޖިނިއަރިންގް، އެކައުންޓިންގް، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވްދާއިރާއިން އެކިފެންވަރުގެ ވަޒީފާތަށްވަނީ އާންމުންނަށް ހުޅުވާލެވިފަ، އެކަށިގެންވާ މުސާރައާއި އިނާޔަތްތަކާއިއެކު، ރަށުން ބޭރު މުވައްޒަފުންނަށް ހުރުމާއި ކެއުމާއި، ފެރީގެ އިންތިޒާމް ފަދަ ހާއްސަ އިންތިޒާމްތަކެއް ވަޒީފާއަށް ހޮވޭ މުވައްޒިފުންނަށް އިންތިޒާމް ކުރެވިފައިވޭ،" މިފްކޯއިން ބުންޏެވެ.

މިފްކޯ އިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިޖުލައި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރެވެމުންދާއިރު ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް އެކުންފުނިން ބޭނުންވާ ކަމަށެވެ. އަދި މިހާރު ގާއިމްކުރެވިފައިވާ ވަސީލަތްތަކުގެ އިތުރުން 25 މެޓްރިކްޓަނުގެ ޓޫނާ ޕައުޗް ޕްލާންޓެއްވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކަސްގައި އެޅުމަށް ނިންމާފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.