ކުޅިވަރު

ދަގަނޑޭގެ އެދުމަށް ނިއުއިން ކޮންޓްރެކްޓް ބާތިލުކޮށްފި

ނިއު ރޭޑިއަންޓާއެކު، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހަދާފައިވާ ކޮންޓްރެކްޓް އޭނާގެ އެދުމަށް ނިއު އިން ބާތިލު ކޮށްފި އެވެ.

ނިއުއިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ކުރު ޕޯސްޓްގައި ވަނީ ދެ ފަރާތުން އެއްބަސްވެ އަޝްފާގް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިއު އިން ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އަޝްފާގް ނިއު އަށް ކޮށްދިން ހިދުމަތްތަކަށް ކުލަބު ޝުކުރު އަދާ ކުރާ ކަމަށް ނިއު އިން އާންމުކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، އަޝްފާގްގެ ކޮންޓްރެކްޓް އުވާލަން ކުލަބުން ނިންމީ އެއީ މިވަގުތު ދެ ފަރާތަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވުމުން ކަމަށެވެ.

ނިއު އިން ކޮށްފައިވާ ޕޯސްޓް

"އަޝްފާގްގެ ކެރިއަރުގައި އޭނާ އަށް ކާމިޔާބަށް އެދެން، ނިއު އަށް އެންމެ އަގު ހުރި ހިދުމަތްތަކެއް ކޮށްދިން އެއް ކުޅުންތެރިޔަކަށް އޭނާ ވާނެ، އެކަން އަބަދުވެސް ނިއު ރޭޑިއަންޓުން އަގުވަޒަންކުރާނެ." ނިޔާޒު ވިދާޅުވި އެވެ.

ނިއު އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ބާތިލު ކުރުމަށް، އެދި އަޝްފާގްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އެފްއޭއެމްއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެރޭ މާލޭ ލީގް އެންމެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާގް ކުޅުނެވެ. އަދި ޓީމުގެ ކެޕްޓަން ގެ ހައިސިއްޔަތުން މާލޭ ލީގް ޗެމްޕިއަންޝީލްޑް ނިއު އަށް އުފުލާލަދިނީވެސް އަޝްފާގް އެވެ.

މާލޭ ލީގް ނިއު އަށް ހޯދައި ދިނުމަށް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭއެފްސީ ކަޕުގެ އަނެއް ބުރަށް ނިއު އަށް ނުދެވުނަސް މުބާރާތުގައި އަޝްފާގް ދެއްކި ކުޅުން ސަރަހައްދުގެ އެހެން ޓީމުތަކުންވެސް ފާހަގަ ކުރި އެވެ.

ކޮންޓްރެކްޓް ބާތިލު ކުރަން އަޝްފާގްގެ ފަރާތުން ހުށަހެޅީ އޭނާ އަށް ދޭން ޖެހޭ ޕޭމަންޓް ނުދީ އޮތުމުންނެވެ. އެދުވަހު އަވަސް އާ ވާހަކަ ދައްކަމުން ނިޔާޒު ވަނީ އަޝްފާގްއަށް ޕޭމަންޓް ނުދެވި އޮތް ކަމަށް ބުނެފަ އެވެ.

"ކޮންޓްރެކްޓްގައި ޕޭމަންޓް ދޭން ކަނޑައަޅާފައިވާ ތާރީހަށް ވުރެ ލަހުން ދެވެނީ މިދިޔަ ސީޒަންގައިވެސް އެހެން ދިމާވޭ، ނަމަވެސް ކުލަބުން ދިޔައި އެ މައްސަލަ ހައްލު ކުރަމުން." ނިޔާޒް ވިދާޅުވެފައި ވެއެވެ.

އޭނާ އެދުވަހު ވިދާޅުވެފައި ވަނީ އަޝްފާގް އާ ނިއު ރޭޑިއަންޓާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާއަކީ ކުަލަބަށް 100 ޕަސްޓް ދޭ ކުޅުންތެރިޔެއް ކަމަށެވެ. އަދި އަޝްފާގް އަށް ޕޭމަންޓް ނުދީ އޮތް މައްސަލަ ކުލަބުން ހައްލު ކުރާނެ ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ.

"އަޝްފާގްގެ އިތުރުން އިމްރާން [މުހައްމަދު]، [އަލީ ފާސިރު] ސެންޓޭގެ ޕޭމަންޓް ޑިލޭއެއް އުޅޭ،" އޭނާ ވިދާޅުވި އެވެ. "ސަބަބަކީ އެ ތިން ކުޅުންތެރިންނަކީ ކުލަބުގެ ވަކިވަކި ސްޕޮންސަރުންގެ ފަރާތުން އެ ކުޅުންތެރިންގެ ޕޭމަންޓްގެ ކަންކަން ހަމަޖައްސާފައިވާ ކުޅުންތެރިން."

އަޝްފާގްގެ ކޮންޓްރެކްޓް ބާތިލު ކުރިިއިރު ރާއްޖޭގެ ޓްރާންސްފާ ޕީރިއަޑް މިހާރު ދަނީ ކުރި އަށެވެ. އޭނާ ނިއު އާ ގުޅުނީ މިދިޔަ ސީޒަންގެ މެދުތެރެއިންނެވެ.