ހަބަރު

ބޭރު މަގުގެ މަސައްކަތަށް 140 އަށްވުރެ ގިނަ ގައިދީން

މާލެ-ހުޅުލެ ބްރިޖާ ގުޅޭ މަގުތަށް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއު ނިމެންދެން ގައިދީން ލައްވައި މަސައްކަތްކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި އެވެ.

ކޮމިއުނިޓީ މަސައްކަތަށް ގެންނަ ގައިދީން ބައިތިއްބަން ކުރީގެ ކުނިކޮށި ހުންނަ ބިމުގައި ގާއިމްކޮށްފައިވާ އަހުލުވެރި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިޒް އެވެ. ކަރެކްޝަންސްގެ ފަރާތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު ޝިހާނެވެ.

މި އެއްބަސްވުމުގެ ދަށުން 140 އަށްވުރެ ގިނަ ގައިދީން ހައުސިން މިނިސްޓްރީގެ މަގު ހެދުމުގެ މަސައްކަތުގައި މާލޭގެ މަގުތަކުގައި އުޅޭނެ އެވެ. އަދި މަގުތަށް ނިމެންދެން ދުވަހު އުޖޫރައެއްގެ ދަށުން މި ގައިދީން މަގުތަކުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން ގާތްގަނޑަކަށް 80 ރުފިޔާގެ އުޖޫރައެއް ގައިދީންނަށް ލިބޭނެ އެވެ. މި ފައިސާއަށް އެކްސެސް ކުރެވޭނީ އެމީހުން މިނިވަންވުމުންނެވެ.

ތަފާތު މަސައްކަތްތަކުގައި މީހުންގެ ތެރެއަށް ގައިދީން ނެރެން ފެށީ މިއަހަރުގެ ކުރީކޮޅު އެވެ. ބޭރު މަގުގެ މަސައްކަތަށް ގައިދީން ނެރުނީ މިމަހުގެ ކުރީ ކޮޅު އެވެ.

ކޮމިޝާނާ ޝިހާން މިއަދު ވިދާޅުވީ، މި މަސައްކަތަކީ ގައިދީން ރީހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ތެރެއިން މާލޭގައި ހިންގާ މި ނޫނަސް މަސައްކަތްތަކުގައި ގައިދީން ބައިވެރިކުރަން ނިންމާފައިވާ ކަމަށާއި މި ފަދަ މަސައްކަތްތަކަށް ނެރެފައިވާނީ ނުރައްކާތެރި ނޫން ގައިދީންކަމަށް ވާތީ އެކަމުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނެތް ކަމަށެވެ. އަދި ގައިދީންގެ ސަލާމަތީ ކަންތައްތަކާއި ގައިދީން ލައްވާ މަސައްކަތްކުރާއިރު އެމީހުންގެ ފަރާތުން މުޖުތަމައަށް ގޯސް އަސަރެއް ފޯރިޔަ ނުދޭން މޮނިޓާކޮށް ބަލަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޑރ މުއިޒް މިއަދު ވިދާޅުވީ، މަގުތަކުގައި މިހާތަނަށް ގައިދީން ކޮށްފައިވާ މަސައްކަތްތައް ވަރަށް ފުރިހަމަވެފައި ރަނގަޅު ކަމަށެވެ. އެހެންކަމުން މިފަދަ ނިޒާމެއްގެ ތެރެއިން ދެ ފަރާތަށް ފައިދާވާ ރަނގަޅު ބަދަލުތަކެއް ގެނެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބަލައިލިން އެ މީހުން ކޮށްފައި ހުރި މަސައްކަތްތައް. ވަރަށް ޝައުގުވެރިކަމާއެކު ވަރަށް ރަނގަޅަށް އެމީހުން މަސައްކަތް ކޮށްފަ ހުރީ. އެހެންވީމަ މަގު ހެދުމުގެ މަސައްކަތަށް މި ފަރާތްތަކުގެ އެހީތެރިކަން ލިބުމަކީ މަޝްރޫއަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" މުއިޒް ވިދާޅުވި އެވެ.

ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ވަނީ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އަދި އިރުމަތީ ފަރާތުން އާޓިފިޝަލް ބީޗުގެ ބޮޑު ބައެއް ތަޅާލައި ޕޭމަންޓު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އަންނަ އޮގަސްޓު މަހު ބްރިޖު އަޅައި ނިމުމުގެ ކުރިން ރިން ރޯޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.