އަންނަ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަކިން ކެމްޕެއިން ކުރެވޭ ކަމަށްވާނަމަ، ޖޭޕީގެ އަމިއްލަ ކެމްޕެއިނަށްވެސް ޖާގަ ލިބެން ޖެހޭނެ ކަމަށް ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރަން ބޭނުންވާ ކަމަށާއި އެންމެންވެސް މަސައްކަތް ކުރަނީ އެއް މަންޒިލަކަށް ކަމަށެވެ.
ޖަމީލް ވިދާޅުވީ، ރައީސް ނަޝީދުގެ އަމިއްލ ކެމްޕެއިނަށް ޖާގަ އޮތް ފަދައިން ޖޭޕީގެ އަމިއްލަ ކެމްޕެއިނަށްވެސް ޖާގަ ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ކޯލިޝަނުން ވަކި ގޮތެއް ނުނިންމާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީން އެޕާޓީގެ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ވަކިން ކެމްޕޭނު ކުރުމަކީ ކޯލިޝަން ތެރޭގައި އޮތް އެއްބަސްވުމެއް ކަމަށާއި ސިންގަލް ކެނޑިޑޭޓެއްގެ ކެމްޕެއިން އެހެން ޕާޓީ ތަކުންވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް އޮޕްޝަންތަކެއް ދައްކަން ޖެހޭ ކަމަށާއި މަޑުކޮށްގެން ތިބުން އެއީ އޮޕްޝަނެއް ނޫން ކަމަށެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާ ޖޭޕީ ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ "ޖުމްހޫރީ ކޯލިޝަން" އެ ޕާޓީއިން އިއުލާންކޮށްފައިވަނީ އެމްޑީޕީ ނުހިމަނަ އެވެ. ޖޭޕީގެ ހިޔަނި ކެބިނެޓްގައި ރައީސް މައުމޫންގެ ބޭފުޅުންނަށް އިސް މަގާމުތަކެއް ދިނުމަށް ހިމަނާފައި ވެއެވެ.