ހަބަރު

ރައީސް ޔާމީންގެ ކެމްޕޭން މިފަހަރު ދޮރުން ދޮރަށް

Jun 22, 2018
14

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންއަށް ތާއީދު އިތުރުކުރުމަށް ފަށާފައިވާ ކެމްޕޭން ހަރަކާތްތަކުގެ ދަށުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މާލެ އާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ދޮރުން ދޮރަށް ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.

ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ ފަރާތުން، ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދު ވިދާޅުވީ، ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ހިންގަވާ، ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރައީސް ޔާމީންއަށް ތާއީދު އިތުރުކުމުގެ ޑޯޓްޑޯ ހަރަކާތައް މާދަމާ ހަވީރު 4:00 ގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. "ޓީމް ރައީސް ޔާމީން ގޯއްޗަށް" ހަރަކާތުގައި ޖުމްލަ 3،000 ވޮލަންޓިއަރުން ހުރިހާ ގޭ ބިސީތަކަށް ޒިޔާރަތްކޮށް އާންމުންގެ ޝަުއޫރުތައް އަޑުއަހައި ރައީސް ޔާމީންއަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި ހަރަކާތް ފަށާނެ އެވެ.

"ރައީސް ޔާމީންގެ ކެމްޕޭން އަޅުގަނޑުމެން މި ގެންދަނީ ސީދާ ރައްޔިތުންގެ ކައިރިއަށް. މުޅި ރާއްޖެއަށް މި ހަރަކާތް އަޅުގަނޑުމެން ފަތުރާލާނަން. ރައީސް ޔާމީންގެ ތަރައްގީ އާއި މި ސަރުކާރުގެ ކާމިޔާބީތައް ކިޔައިދިނުމުގެ އިތުރަށް އަދި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން އަޅުގަނޑުމެން އަޑުއަހާނަން،" ޔާމީން ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް ރައީސް ޔާމީންގެ ކެމްޕޭން ޓީމްތައް އަތޮޅުތަކަށް ދަތުރުކުރި އެވެ. އެ ޓީމްތަކުން ވަނީ އެކި ރަށްރަށަށް ޒިޔާރަތްކޮށް އާންމުންގެ ތާއީދު އިތުރު ކުރުމަށް ރަށްރަށުގެ ގޭބިސީތަކަށް ހިނގައިފަ އެވެ. އެ ހަރަކާތްތަކުން ރައީސް ޔާމީންއަށް އޮތް ތާއީދު އިތުރުވި ކަމަށް ކެމްޕޭން ޓީމުން ބުނެ އެވެ. އެހެން ވެސް ގިނަ ހަރަކާތްތަކެއް އެ ޓީމުން ވަނީ ރާވައިފަ އެވެ.