ބޮލީވުޑްގައި މިހާރު މަޝްހޫރު ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފްއާއި އެނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިޝާ ޕަޓްނީ ވަނީ ވަރަށްފަހުން [ރާއްޖޭގައި ސިއްރު ޗުއްޓީއެއް ހޭދަކޮށްފަ އެވެ.
މި ދަތުރުގައި ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތައް ދިޝާ އޭނާގެ އިންސްޓަގުރާމަށްވެސް އެޅި އެވެ. ނަމަވެސް ޓައިގާ އޭނާގެ އިންސްޓަގުރާމަށް އެއްވެސް ފޮޓޯއެއް އަޅާފައެއް ނުވެ އެވެ. ދެމީހުން އުޅެމުންދިޔައީ ވަރަށްވެސް ސިއްރުންނެވެ. އެކަމަކު ޓައިގާ މިހާރު ވަނީ ފަހު ދަތުރުގައި ރާއްޖޭގައި ނަގާފައިވާ ދެ ފޮޓޯއެއް އިންސްޓަގުރާމްކޮށްފަ އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި އޭނާ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ ރާއްޖޭގެ ރިސޯޓެއްގެ މޫދު ގެއެއްގެ ބޭރުގައި ހުރި އުނދޯއްޏެއްގައި ޓައިގާ އޮޝޯވެ އޮންނަ މަންޒަރެވެ. އޭނާގެ ޖާދުވީ ހަށިގަނޑު ދައްކާލައިގެން އޮތް މި ފޮޓޯއަށް ފޭނުންގެ ލޯތައް މިހާރު ވަނީ ހުއްޓިފަ އެވެ.
މި ފޮޓޯގެ އިތުރުން އޭނާގެ ރީތި ހަށިގަނޑު ދައްކާލާ އިތުރު ފޮޓޯއެއް ވަނީ މިއަދު ހެނދުނު އިންސްޓަގުރާމްކޮށްފަ އެވެ. ދޮންވެލި ގޮނޑުދޮށުގައި ނަގާފައިވާ އެ ފޮޓޯގައި ޓައިގާ ކެޕްޝަނަކަށް ޖަހާފައި އިނީ "ދުނިޔެ މަތީގެ ސުވަރުގެ" އެވެ.
މިއަހަރު ފެށުނުތަނުން އާ އަހަރު ފާހަގަކުރުމަށްވެސް މި ދެ ތަރިން އެކުގައި ރާއްޖެއަށް އައިސްފައިވެ އެވެ. އެފަހަރުވެސް މި ދެ ތަރިން އިންސްޓަގުރާމްކުރި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޓައިގާ އާއި ދިޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބީ-ޓައުންގައި އަބަދު ވާހަކަދެކެވޭ ނަމަވެސް މި ދެ ތަރިން އެކަން ރަސްމީކޮށް އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ.
މި ދެ މީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބާޣީ 2" ވަނީ މިދިޔަ މާޗު މަހު ރިލީޒްކޮށްފަ އެވެ. ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމަށް 200 ކްރޯޑަށްވުރެ ބޮޑު އާންމަދީއެއް ލިބުނެވެ. މި ދެ މީހުނަށް މިހާ ބޮޑު ކާމީޔާބީއެއް ލިބުނު މިއީ ފުރަތަމަ ފަހަރުވެސްމެ އެވެ.
ޓައިގާ މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް އޭނާގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަށެވެ. ޕުނީތް މަލްހޯތްރާ ޑައިރެކްޓުކުރާ އެ ފިލްމު ޕްރޮޑިއުސްކުރަނީ މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. މި ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު 23 ގަ އެވެ.
މި ފިލްމުގެ އިތުރަށް ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމަކަށްވެސް ޓައިގާ ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމުގައި ޓައިގާ ފެނިގެންދަނީ އޭނާގެ އައިޑޮލް ރިތިކް ރޯޝަންއާއެކު އެވެ. މީގެ އިތުރުން ސިދާތް އާނަންދުގެ ފިލްމު "ރާމްބޯ" ކުޅުމަށްވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.