ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ދެ ގައުމުގެ ސަރުކާރުގެ މަތީ ފެންވަރުގެ ވާހަކަތަކެއް ބާއްވަން ފަށައިފި އެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނީ، ރާއްޖެ-އިންޑިއާގެ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދާ ވަނީ ބައްދަލު ކުރައްވާފައި ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާތަކެއް ބާއްވަން ދެ ގައުމުން އެއްބަސްވި ކަމަށެވެ. އަދި ކުރިއަށް މި އޮތް ހަފްތާގެ ތެރޭގައި ރާއްޖެ އާއި އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިސް ވަފުދަކުން ބައްދަލު ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މިފަހުން ރާއްޖެ-އިންޑިއާގެ ގުޅުން ގޯސްވީ ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް އެމެޖެންސީ ހިންގާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ސިފައިންނާއި ފުލުހުން ކޯޓް ތެރެއަށް ވަދެ ހައްޔަރު ކުރުމުން އެވެ. އިންޑިއާއިން ވަނީ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ސުޕްރީމް ކޯޓްގެ އަމުރަށް ބޯ ލެބުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ.
އެއާ އެކު ރާއްޖެއިން ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު މި މަސްނިމުމުގެ ކުރިން ގެންދަން އަންގައިފަ އެވެ. އަދި ހެލިކޮޕްޓަރުގެ ބަދަލުގައި ރާއްޖެއިން ބޭނުންވާ ގޮތަށް ސާވިއަލަންސްގެ ދޯނިއާ އެއާކްރާފްޓެއް ދިނުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުން ވެސް ގަބޫލު ނުކުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. އަދި އިންޑިއާގެ މީހުންނަށް ރާއްޖެއިން ވިސާ ނުދީ ތާށި ކުރާ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. މީގެ އިތުރަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޗެންނާއީއަށް ނުވައްދާ ފޮނުވާލި މައްސަލަވެސް ހޫނުވި އެވެ.
ދަ ހިންދޫ ނޫހުން ބުނީ މިފަހަރު ބާއްވާ މަޝްވަރާތަކުގައި، މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ފޮނުވާލާ މައްސަލައިގަ އެވެ. އަދި ހެލިކޮޕްޓަރުގެ ބަދަލުގައި އިންޑިއާއިން ދޭން ހުށަހަޅާފައިވާ ދޯނިއާ ސާވިއަލަންސް އެއާކްރާފްޓެއް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމާ ގުޅޭ ގޮތުން އެއްބަސްވުންތަކަކަށް އަންނާނެ ކަމަށް ވެސް ދަ ހިންދޫ ނޫހުން ބުންޏެވެ.