ހަބަރު

ޖުލައި 15 އިގެ ކުރިން އެއް ކެނޑިޑޭޓެއް ނެތްނަމަ ޖޭޕީއިން މީހަކު ނެރެނީ

އެންމެ ލަސްވެގެން ޖުލައި 15 ވަނަ ދުވަހާ ހަމަޔަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެންޖެހޭ ކަމަށާއި، އެ ތާރީހަށް އެކަން ނުވެއްޖެނަމަ ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންފެރެންސް ފެށުމުގެ ކުރިން، އެ ކޮންފެރެންސަށް ވަޑައިގެންނެވި ފަރާތްތަކާއި، ވީޑިއޯ ކޮންފެރެންސް މެދުވެރި ކުރައްވާ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ މަހުގެ 15ގެ ކުރިން އެއް ކެނޑިޑޭޓަކު އިދިކޮޅު ޕާޓީތަކަށް ނުހޯދިއްޖެނަމަ ވަކިން ކެނޑިޑޭޓެއް ނެރޭނެކަން ގާސިމް އިއުލާން ކުރެއްވިއިރު އެއް ކެނޑިޑޭޓެއް ނެރެވޭތޯ އަދިވެސް ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިން ކެމްޕެއިން ކުރައްވަމުންދާތީ އެކަމަށް ވަނީ ހުރަސްތަކެއް އެޅި، ހިޔާލު ތަފާތުވެފަ އެވެ.

ހިޔާލު ތަފާތުވެފައިވަނިކޮށް ގާސިމް ވަނީ "ޖުމްހޫރީ ކޯލިޝަން"ގެ ނަމުގައި އޭނާއަށް ފެނިވަޑައިގަންނަވާ ކެބިނެޓް އިއުލާން ކުރައްވާފަ އެވެ. އެ ކެބިނެޓްގައި އެމްޑީޕީގެ އެއްވެސް ބޭފުޅެއް ނުހިމެނެ އެވެ.

ހިޔަނި ކެބިނެޓާ ގުޅޭ ގޮތުން އުފެދިފައިވާ ބައެއް ސުވާލުތަކަށް ގާސިމް ރޭ ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން އެއީ ހިޔާލެއް ކަމަށާއި، އެއްވެސް ހާލަތެެއްގައި ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމާފައިވާ ނިންމުމެއް ނޫންކަން ވިދާޅުވި އެވެ.

ތިން އަހަރު ދުވަހުގެ ހަލު ހުކުމެއް އިއްވާފައިވާ ގާސިމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ޖުމްހޫރީޕާޓީގެ ލީޑަރު ނުވަތަ ރައީސް ކަމަށް ވަޑައިގަތަސް ރައްޔިތުން ބޮލާލާޖަހާފައި ވަޑައިނުގެންނެވޭނެ ކަމަށާއި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވަޑައިގަންނަވަ އެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.