ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް އެ ޕާޓީގެ ކައުންސިލަށް އޮތް ބާރު ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
އެ ބާރު ހިފަހައްޓާފައިވަނީ މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 315 ވޯޓުން ފާސްކުރި ގަރާރަކުންނެވެ. އެ ގަރާރު އެގޮތަށް ހުށަހެޅީ ޕާޓީގެ މިހާރުގެ ލީޑަރު ގާސިމް އިބްރާހިމަށް ޖަލު ހުކުމެއް އިއްވާފައިވާތީ ޕެރޯލް ގާނޫނު އޮތް ގޮތުން އެ މަގާމަށް އޭނާއަށް ކުރިމަތިލެއްވެން ނެތުމުންނެވެ.
ޕާޓީގެ ލީޑަރުކަން ދޫކޮށްލައްވަން ގާސިމް އިބްރާހިމް ނިންމަވާފައިވީ ނަމަވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ.
ގައުމީ ކޮންގްރެސްގައި ލީޑަރަކު އިންތިހާބު ކުރެވޭ ގޮތް ނުވެއްޖެނަމަ ޕާޓީގެ ކައުންސިލަށް ލީޑަރަކު ހޮވިދާނެ ކަމަށް އަސާސީ ގަވައިދުގެ 23 ވަނަ މާއްދާގެ (ށ)ގައި އޮވެ އެވެ. ނަމަވެސް ކޮންގްރެސްގައި މިއަދު ފާސްކުރި ގަރާރުގެ ސަބަބުން އެ މާއްދާ ވަގުތީ ގޮތުން ސަސްޕެންޑްވެފަ އެވެ.
ގަރާރުގައިވާ ގޮތުން ޕާޓީގެ ލީޑަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރެވޭނީ ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުންނެވެ. ނުވަތަ ލީޑަރަކު އައްޔަންކުރުމާ ގުޅޭ ގޮތުން ގާސިމް ވަކި ގޮތެއް ލިޔުމުން ކައުންސިލަށް އެންގުމުންނެވެ.