ހަބަރު

ޖަޒީރާ ދުވުމަށް ހުރަސްއަޅައި ހަސަން ލަތީފް ހައްޔަރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ "ޖަޒީރާ ދުވުން" ހުއްޓުވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހައްޔަރުކޮށްފި އެވެ.

ދުވުން ހުއްޓުވައި ހަސަން ލަތީފްގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޒާރާއި ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ވެސް ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ ތިން ބޭފުޅުން ފުލުހުން ބެލުމުގެ ދަށަށް ގެންދިޔައީ ކޮން ތުހުމަތެއްގަ ކަމެއް ސާފެއް ނުވެ އެވެ.

"ޖަޒީރާ ދުވުން" އިއުލާންކޮށްފައިވަނިކޮށް ފުލުހުން ވަނީ ޓްރެކް ސަރަހައްދު ބަންދުކޮށްފަ އެވެ. އެ ސަރަހައްދު ބަންދުކުރީ ޔޫތު މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބުނެ އެވެ. އެ ސަރަހައްދުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމާއި އެމަނިކުފާނުގެ ކެމްޕެއިނަކީ ގާނޫނާ ހިލާފު ކެމްޕެއިނެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ. އޭގެ ދަށުން ރައީސް ނަޝީދު ބައިވެރިވަޑައިގެންނެވި އެމްޑީޕީގެ ޕްރައިމަރީ ވެސް ވަނީ ސިވިލް ކޯޓުން އަމުރެއް ނެރެ ހުއްޓުވާފަ އެވެ.