ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުމަށް އިލެކްޝަން ކޮމިޝަން، އީސީއިން މަނާކޮށްފައިވާތީ އެ ޕާޓީ އިން ލޯގޯ އާއި ދިދަ ބަދަލުކުރަން ފާސްކޮށްފި އެވެ.
ދިދަ އާއި ލޯގޯ ބަދަލުކުރަން ފާސްކޮށްފައިވަނީ މިހާރު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންގްރެސްގަ އެވެ. އެކަން ފާސްކޮށްފައިވަނީ ކޮންގްރެސްގެ ފުރިހަމަ ތާއިދާއެކު އެވެ.
ޖޭޕީގެ ލޯގޯ އާއި ދިދަ ބޭނުން ކުރަން މަނާކޮށްފައި ވަނީ އެ ލޯގޯ އާއި ނިޝާނުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ މިދިޔަ އަހަރު ޖޫން މަހު 4 ވަނަ ދުވަހުގަ އެވެ. އަދި މަނާ ކުރި މައްސަލަ ކޯޓަށް ވެސް ޖޭޕީގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ އާ ދިދަ އާއި ލޯގޯ ފާސްކޮށްފައިވާއިރު ލޯގޯ އާއި ދިދައަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދައާ ވަނީ ތަފާތުކޮށްފަ އެވެ.
ދިދަ އާއި ލޯގޯ ބަދަލުކުރަން ފާސްކުރުމުގެ ކުރިން ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ވަނީ ހޮވާފަ އެވެ. އެކަމަށް ކޮންގްރެސްގެ ފުރިހަމަ ތާއީދާއެކު ހޮވިވަޑައިގެންނެވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނެވެ.