ހަބަރު

ޖޭޕީ ކޮންގްރެސްގެ ވޯޓް މެދުކަނޑުމަށްފަހު އަލުން ފަށައިފި

ޕެރެޑައިސް އައިލެންޑް ރިސޯޓުން: ނާޒިމް ހަސަން
Jun 22, 2018

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި ނަގާ ހަމަޖެހިފައިވާ ބައެއް ވޯޓުތަކުގެ ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުރުމުން ވޯޓުލުން މެދުކަނޑާލުމަށްފަހު އަލުން ފަށައިފި އެވެ.

ވޯޓު ކަރުދާހުގައި މައްސަލަތައް ހުރިކަން ފާހަގަވީ ޕާޓީގެ ރައީސްގެ މަގާމަށް ވޯޓުލުމަށްފަހު ނައިބު ރައީސްގެ މަގާމަށް ވޯޓުލުން ކުރިއަށް ގެންދަނިކޮށެވެ. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާއި ފޮޓޯއާ ދިމާނުވުންފަދަ މައްސަލަތައް ވަނީ ފާހަގަކުރެވިފަ އެވެ.

ވޯޓުލުން އަލުން ފަށާފައިވަނީ މައްސަލައެއް ނެތް ވޯޓު ކަރުދާސްތަކުން ހޮވަންޖެހޭ މަގާމުތަކުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާފައިވަނީ ޒުވާނުންގެ ގޮފީގެ ރައީސް ކަމުގެ އިންތިހާބެވެ.

މައްސަލަތައް ޖެހުނު ރައީސް އަދި ނައިބު ރައީސް ވޯޓު ކަރުދާސްތައް އަލުން ޕްރިންޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ ވޯޓުތައް އަލުން ބާއްވާނީ މިރޭގެ ފަހުގެ ވަގުތެއްގަ އެވެ.

މި ކޮންގްރެސްގައި ޕާޓީގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވަނީ ނިންމާފަ އެވެ. އެއީ އަލަށް އައްޔަންކުރާ ދެ މަގާމެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އަލީ ވަހީދު އެކަންޏެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ޑރ. މައުސޫމް އެކަންޏެވެ.

އޭގެއިތުރުން ޑެޕިއުޓީ ލީޑަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރާނެ އެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ވެސް އެ މަގާމު އަދާކުރައްވާ ތިން ބޭފުޅުން ހިމެނެ އެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މިހާރު ތިއްބެވި ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކުރިމަތިނުލައްވާ ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އޭނާ ހުންނެވީ ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ.

އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.

ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކައުންސިލަށް 15 މެންބަރަކު ވެސް ކޮންގްރެސްގައި އިންތިހާބުކުރާނެ އެވެ. އެ މަގާމަށް 22 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެއިތުރުން ޒުވާނުންގެ ގޮއްޕާއި އަންހެނުންގެ ގޮފީގެ އިސް މަގާމުތަކަށް ވެސް ބޭފުޅުން އައްޔަންކުރާނެ އެވެ.