ހަބަރު

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމުގެ ބާރު ކައުންސިލަށް

ޕެރަޑައިސް އައިލެންޑް ރިސޯޓުން: ނާޒިމް ހަސަން
Jun 22, 2018

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ ލީޑަރު އޮޓަމެޓިކުންވާ ގޮތް ބަދަލުކޮށް ރިޔާސީ ކެންޑިޑޭޓް ހޮވުމުގެ ބާރު އެ ޕާޓީގެ ކައުންސިލަށް ދޭ ގޮތަށް އަސާސީ ގަވައިދު އިސްލާހުކޮށްފި އެވެ.

އެ ޕާޓީގެ އަސާސީ ގަވައިދު މިއަދާ ހަމައަށް އޮތް ގޮތުން ޕާޓީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެއީ ޕާޓީގެ ލީޑަރަށް އޮޓަމެޓިކުން ލިބޭ ޓިކެޓެކެވެ.

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިސްލާހުކޮށްފައިވާ އަސާސީ ގަވައިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވާނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭނީ ޕާޓީގެ ކައުންސިލަށެވެ.

ޖުމްހޫރީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ކައުންސިލްގައި އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ އިސް މަގާމުތައް ކަމަށްވާ ލީޑަރާއި ނައިބު ހަތަރު ލީޑަރުންނާއި ރައީސް އާއި ނައިބު ރައީސް ހިމެނެ އެވެ. އޭގެ އިތުރުން ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ކައުންސިލްގައި ތިއްބަ އެވެ.

ގައުމީ ކޮންގްރެސްއިން 15 މެންބަރަކު ކައުންސިލަށް ހޮވަން ޖެހޭނެ ކަމަށް ވެސް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. އެ މަގާމަށް ވޯޓުލުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު މަގާމަށް 22 ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ.

ކައުންސިލްގައި ބައިވެރިވެވޭނެ ގޮތް ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރު ނުވެވޭނެ މަގުބޫލް އުޒުރެއްވާނަމަ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުންތަކުގައި ބައިވެރިވެ އަތް ނަގައިގެން ވޯޓު ދެވޭނެ ކަމަށެވެ. ނަމަވެސް އެމީހަކަށް ޕާޓީގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އަސާސީ ގަވައިދު މިގޮތަށް އިސްލާހުކޮށްފައިވާއިރު ޕާޓީގެ ރައީސް ކަމަށް އަލީ ވަހީދު ވަނީ ކުރިމަތިލައްވާފަ އެވެ. އަލީ ވަހީދު މިހާރު ބޭރުގައި ދިރިއުޅުއްވާއިރު އޭނާ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ގަވައިދަށް އިސްލާހު ގެނައި ގޮތުން ނުލިބޭނެ އެވެ. އަދި ލީޑަރަށްފަހު ހުރިހާ ބާރުތަކެއް ވެސް ރައީސްގެ ބަދަލުގައި ނައިބު ލީޑަރަށް ލިބިގެންދާ ގޮތަށް ވެސް އިސްލާހު ވަނީ ފާސްކޮށްފަ އެވެ.