ޖުމްހޫރީ ޕާޓީ، ޖޭޕީގެ ނައިބު ލީޑަރު ކަމުގެ މަގާމު އަބްދުﷲ ކަމާލުއްދީންއަށް ގެއްލިއްޖެ އެވެ. އެ މަގާމަށް ކަމާލުއްދީން ވަޑައިގެންނެވީ 2013 ވަނަ ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެވެ.
ކުރީގެ މިނިސްޓަރު ކަމާލުއްދީންއަށް ޖޭޕީގެ ނައިބު ލީޑަރުކަން ގެއްލުނީ މިރޭ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ނެގި ވޯޓުން ނާކާމިޔާބުވުމުންނެވެ. ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުގައި އެ ޕާޓީގައި ތިއްބަވާނީ ހަތަރު ނައިބު ލީޑަރުންނެވެ.
އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.
ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އަބްދުﷲ އަމީނެވެ. އެއީ 227 ވޯޓެވެ. އަމީން އިބްރާހިމް ހޯދެއްވީ 227 ވޯޓެވެ. ހުސެއިން ރަޝީދަށް ލިބުނީ 224 ވޯޓެވެ. ފަޔާޒަށް ލިބިފައިވަނީ 167 ވޯޓެވެ. އެންމެ މަދުން ވޯޓު ކަމާލުއްދީންއަށް ވޯޓު ލިބުނުއިރު ލިބިފައިވަނީ 160 ވޯޓެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި ގާސިމް އިބްރާހިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ކަމާލުއްދީންއަށް މަގާމެއް ދެއްވުމުން އެ މަގާމު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ކަމާލުއްދީން ޓްވީޓެއް ކުރައްވާފައިވެ އެވެ.
ކަމާލުއްދީންއަށް ނައިބު ލީޑަރުގެ މަގާމު ގެއްލުނުއިރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ ނައިބު ލީޑަރުގެ މަގާމަށް އަލުން ކުރިމަތިނުލެއްވުނު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ވެސް ވަނީ އެ މަގާމު ގެއްލިފަ އެވެ.
ކަމާލުއްދީނާއި ރިޔާޒަށް މަގާމު ގެއްލުނުއިރު އަސާސީ ގަވައިދަށް ބޮޑު އިސްލާހެއް ގެނެސް ނައިބު ލީޑަރުގެ ބާރުތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ. އަސާސީ ގަވައިދަށް ގެނައި އިސްލާހުގެ ތެރޭގައި ލީޑަރުގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ލީޑަރުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުލާނީ ކައުންސިލުން ހޮވާ ނައިބު ލީޑަރެކެވެ.