ޖުމްހޫރީ ޕާޓީގެ ލީޑަރަށް މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ހާލަތްތަކުގައި ގިނަ ބާރުތައް ނައިބު ލީޑަރަކަށް ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު ދާދިދެމެންއަކު ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންގްރެސްގަ އެވެ.
އަސާސީ ގަވައިދަށް އިސްލާހު ގެންނަން މިއަދު ފާސްކުރީ ކޮންގްރެސްގެ 303 ވޯޓު ލިބިގެންނެވެ. އިސްލާހުތަކުން ނައިބު ލީޑަރަކަށް ގިނަ ބާރުތަކެއް ލިބެ އެވެ. އެ ޕާޓީގައި ޖުމްލަ ހަތަރު ނައިބު ލީޑަރުން ތިއްބަވާއިރު ބާރުތައް ލިބޭނީ ޕާޓީގެ ކައުންސިލުން ހޮވާ ނައިބު ލީޑަރަކަށެވެ.
އަސާސީ ގަވައިދަށް ގެނައި އިސްލާހުގެ ތެރޭގައި ލީޑަރުގެ މަގާމު ހުސްވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ލީޑަރުގެ މަސްއޫލިއްޔަތާއި ޒިންމާތައް އުފުލާނީ ކައުންސިލުން ހޮވާ ނައިބު ލީޑަރެކެވެ. އެގޮތަށް އިސްލާހު ގެނައީ ނައިބު ލީޑަރުންނަކީ ލީޑަރުން އަންގަވާ ގޮތަށް ކަންތައް ކުރައްވަންޖެހޭ ބަޔަކަށްވާތީ ލީޑަރެއް ނެތް ހާލަތުގައި ޕާޓީގެ ސިޔާސީ މަސައްކަތަށް ހުސްކަމެއް އަތުވެދާނެތީ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގާސިމް އިބްރާހިމް ދޫކޮށްލެއްވުމަށް ނިންމަވާފައިވާއިރު އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް އިތުރު ކުރި މަގާމު ކަމުގައިވާ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އޮންނާނެ ޒިންމާއަކީ އިދާރީ ހިންގުން ކަމަށާއި އެއީ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމުގައި އަސާސީ ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. ރައީސްގެ މަގާމު ހުސްވެއްޖެނަމަ މަގާމު ވަގުތީ ގޮތުން ހަވާލުވާނީ ނައިބު ރައީސް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ލީޑަރު ނެތް ހާލަތެއްގައި ޕާޓީގެ ރައީސް ކަމަށް ވެސް އިސްލާހުކުރި އެވެ. ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަނީ ކައުންސިލުން ހޮވާ ނައިބު ލީޑަރު ނުވަތަ އެހެން ނައިބު ލީޑަރެއް ކަމަށް ވެސް އިސްލާހު ވަނީ ގެނެސްފަ އެވެ.
ޕާޓީގެ އެންމެ ބާރުގަދަ، ކައުންސިލްގައި ބައިވެރިވެވޭނެ ގޮތް ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރު ނުވެވޭނެ މަގުބޫލް އުޒުރެއްވާނަމަ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބައްދަލުވުންތަކުގައި ބައިވެރިވެ އަތް ނަގައިގެން ވޯޓު ދެވޭނެ ކަމަށެވެ. ނަމަވެސް އެމީހަކަށް ޕާޓީގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އަސާސީ ގަވައިދު މިގޮތަށް އިސްލާހުކޮށްފައިވާއިރު ޕާޓީގެ ރައީސް ކަމަށް އަލީ ވަހީދު ވަނީ ކުރިމަތިލައްވާފަ އެވެ. އަލީ ވަހީދު މިހާރު ބޭރުގައި ދިރިއުޅުއްވާއިރު އޭނާ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ގަވައިދަށް އިސްލާހު ގެނައި ގޮތުން ނުލިބޭނެ އެވެ. އަދި ލީޑަރަށްފަހު ހުރިހާ ބާރުތަކެއް ވެސް ރައީސްގެ ބަދަލުގައި ލިބިގެންދާނީ ނައިބު ލީޑަރަށެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ހޮވާނީ ޕާޓީގެ ޕްރައިމަރީއަކުން ކަމަށް ވަނީ އިސްލާހުކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ރިޔާސީ ޓިކެޓް އޮޓަމެޓިކުން ލިބެނީ ޕާޓީގެ ލީޑަރަށެވެ.