ބޮލީވުޑް

ޓައިގާ ޝްރޮފްގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 50 ބޮޑީގާޑުން

May 29, 2015

ޑައިރެކްޓަރު ސަބީރް ޚާންގެ ފިލްމު "ހީރޯޕަންތީ" އިން 2013ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ކުރީގެ މަޝްހޫރު ފިލްމީ ތަރި ޖެކީ ޝްރޮފްގެ ދަރި ޓައިގާ ޝްރޮފްގެ އާފިލްމު "ބާޣީ"ގެ ޝޫޓިން ކުރިއަށްދާ ވަގުތު އޭނާގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށް 50 ބޮޑީގާޑުން ހަމަޖައްސައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ބޮޑީގާޑުން ހަމަޖެއްސީ މިފިލްމުގެ ޝޫޓިން ކުރިއަށްދާ ވަގުތު ފިލްމުގައި ޓައިގާ ޝްރޮފް ފެނިގެންދާ ގޮތް އާންމުންނަށް ފަޅާއަރަން ބޭނުން ނުވާތީ އެވެ. މީޑިއާއަށް ވެސް ފޮރުވިގެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާ މިފިލްމުގެ ޝޫޓިން އިއްޔެ ފަށާފައިވާއިރު، ޓައިގާ އާއިއެކު ލީޑްރޯލުން ފެނިގެންދާނީ "އޭކްވިލަން" ގެ ބަތަލާ ޝްރާދާ ކަޕޫރު އެވެ. މިއީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ފިލްމުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވަނީ މިފިލްމުން ޓައިގާ ފެނިގެންދާގޮތް އޭނާގެ ޑެބިއު ފިލްމު "ހީރޯޕަންތީ" އާއި ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި ފިލްމް އާންމުންނާ ހަމަޔަށް އައުމުގެ ކުރިން ޓައިގާ ފެނިގެންދާ ތަފާތު ރޯލުގެ އެއްވެސް ކަމެއް އާންމުންނާ ހަމަޔަށް ތިލަވާން ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބޭނުންނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ފިލްމު އުފައްދާ ފަރާތުން ފިލްމުގެ އެއްވެސް ކަމެއް ހިއްސާކުރަން ބޭނުންނުވާތީ ހުރިހާ ކަމެއްވެސް އަދި ދަނީ ވަރަށް ސިއްރުންނެވެ. ފިލްމްގެ އެއްވެސް ކަމެއް ލީކް ނުވާ ވަރަށް ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. 

ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ފިލްމުގެ އެއްވެސް އެއްޗެއް ލީކުވެދާނެ ކަމަށްޓަކައި ސެކިއުރިޓީގެ ކަންތައްތައް ބަލަން ހާއްސަ ޓީމެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަދި ހުރިހާކަމެއްވެސް ކުރިއަށް ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.

"އަހަރުމެން މިހާރު ވާނީ ހާއްސަ ޓީމެއް އެކުލަވާލާފައި" ސާޖިދު ބުނެފައިވެ އެވެ.

"ބާޣީ"ގައި ޓައިގާ ފެނިގެންދާނީ ލޯބި ހާސިލުކުރުމަށް މަސައްކަތްކުރާ ޒުވާނެއްގެ ރޯލުންނެވެ. މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ޓައިގާ އަންނަނީ އެކްޝަން ސްޓަންޓްތަކަށް ހާއްސަ ތަމްރީނުތަކެއް ހެދުމަށް ކޮންމެ ދުވަހެއްގެވެސް އެތައް ގަޑިއިރެއް ހޭދަކުރަމުންނެވެ.

ސާޖިދު ނަޑިއަޑްވާލާ އާއި ޔޫޓީވީ މޯޝަން ޕިކްޗާސްގެ ފަރާތުން ޕްރޮޑިއުސްކުރާ މިފިލްމް ޑައިރެކްޓްކުރަނީ ޓައިގާ ޝްރޮފްގެ ފުރަތަމަ ފިލްމު "ހީރޯޕަންތީ" ވެސް ޑައިރެކްޓްކުރި ސަބީރު ޚާން އެވެ.

ބެލެވޭ ގޮތުގައި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގަ އެވެ.