ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން އެ ޕާޓީގެ ކައުންސިލަށް ހޮވާ މެންބަރުންގެ ތެރޭގައި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ހިމެނިއްޖެ އެވެ.
މިއީ ގާސިމްގެ އާއިލީ ބޭފުޅެއް ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ. ސިޔާސީ ހަރަކާތްތަކުގައި ނަހުލާ އިސްކޮށް ނޫޅުއްވި ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި އެވެ.
ކައުންސިލްގައި ނަހުލާ ހިމެނުނީ ރޭ ކުރިއަށް ގެންދިޔަ ކޮންގްރެސްގައި ނެގި ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެނެވެ. އޭނާއަށް 227 ވޯޓުންނެވެ.
އޭނާގެ އިތުރުން ކައުންސިލަށް ހޮވުނު ބޭފުޅުންގެ ތެރޭގައި ވަރަށް ފަހުން އެ ޕާޓީއާ ގުޅުނު އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލީހުގެ މެންބަރު އަަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ހިމެނެ އެވެ.
ދެން ކައުންސިލަށް ހޮވުނީ އަހުމަދު ސައުދާއި ހުސެއިން ރަޝީދާއި ނިހާދު މުހައްމަދާއި ސޮފްވާން މަހުމޫދާއި އަހުމަދު ރިޔާޒާއި އަބްދުﷲ ރަޝީދު މޫސާ އާއި މުހައްމަދު ފިކްރީ އާއި އަހުމަދު މޫސާ އާއި މުހައްމަދު ސައީދާއި އަނީސާ ސައީދާއި ހުސެއިން އަހުމަދާއި ހަސަން ޝުޖާއު އަދި އަހުމަދު މުހައްމަދެވެ.
ޕާޓީގެ އެހެން އިދާރީ މަގާމުތަކަށް ވެސް މިރޭ ވަނީ މެންބަރުން އިންތިހާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޒުވާނުން ލީގާއި އަންހެނުން ލީގްގެ އިސް މަގާމުތައް ވެސް ހިމެނެ އެވެ.
ޒުވާނުންގެ ލީގްގެ ރައީސްކަން ޝުއުބް ޝިފާޒާއި މުހައްމަދު އަހުމަދު ހުސެއިން، ހަނަފީއާ ވާދަކޮށް ކާމިޔާބުކޮށްފައިވަނީ އަސްއަދު ރިޒާ އެވެ. އެ ލީގްގެ ނައިބު ރައީސްކަން މުއައްލިމް އަހުމަދުއާ ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ހަމިއްޔާ އަލީ އެވެ.
އަންހެނުންގެ ލީގްގެ ރައީސްކަން އައިޝަތު ޝީޒާއާ ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބުކުރީ ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދެވެ. އެ ލީގްގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވީ އައިމިނަތު އިބްރާހިމް އެކަންޏެވެ. އޭނާ ވަނީ އެ މަގާމަށް އިންތިހާބުވެފަ އެވެ.