ވިޔަފާރި

ގަމާއި ދެކުނު އެފްރިކާއާ ދެމެދު ސީދާ ދަތުރު ފަށަނީ

Jun 23, 2018
4

އައްޑޫ ސިޓީގެ ގަމާއި ދެކުނު އެފްރިކާއާ ދެމެދު ސީދާ ދަތުރުފައް ފަށަން ތައްޔާރުވަމުންދާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ބުނެފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ޕީއެސްއެމް އަށް ވިދާޅުވީ ދަތުރު ފަށަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާ، މި އަހަރުގެ ފަހުކޮޅު ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން ޓުއާ އޮޕަރޭޓަރުންވެސް އައްޑުއަށް އައިސްފައިވާ ކަމަށެވެ.

"އެހެން ދެ އެއާލަނަކުން ވެސް ވާހަކަ ދައްކަވަމުން އެބަދޭ. އިރާދަ ކުރެއްވީޔާ ނޮވެމްބަރު ފަހު ކޮޅު ނުވަތަ ޑިސެމްބަރު ކުރީގަ ޝެޑިއުލް ފްލައިޓްތަށް ސީދާ ސައުތު އެފްރިކާ އިން ގަމައް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އަދި މުޅިން ފައިނަލައިޒް ނުވޭ،" ލަތީފު ވިދާޅުވި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި މި އެއާޕޯޓުން ރާއްޖޭން ބޭރަށް މިދިޔަ އަހަރު ވަނީ ސްރީލަންކަން އެއާލައިންސް އިން ދަތުރުތައް ފަށާފަ އެވެ. އަދި ސަރުކާރުން ދަނީ އައްޑޫ ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ގަމުގައި ކުރިން ހިންގި ގެސްޓްހައުސް ދޫގަސް 50 ކޮޓަރީގެ ސިޓީ ހޮޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.