އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ އަދަދެއްގެ ފައިސާ ހުރުމާއެކު އެ ފައިސާ ހޯދުން އަވަސް ކުރަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ލަފާ ދީފި އެވެ.
ގޭން އިންޓަނޭޝަނަލް ހިންގާ، އޭއައިއޭ ކުންފުނީގެ މާލީ ހާލަތުގެ މައްޗަށް ބަލައި، ފީސީބީން ނެރެފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ލިބެން ޖެހި، ނުލިބި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ. އޭއައިއޭއަށް ލިބެންޖެހޭ ފައިސާގެ ނިސްބަތް އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ 70 ޕަސެންޓަށް އަރާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ޕީސީބީން ވަނީ އެ ކުންފުނީގެ ރިސީވަބަލްސް މަތިވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި ފައިސާ ހޯދުން އަވަސް ކުރުމުގެ ގޮތުން އާ ގަވައިދުތަކެއް ހަދައިގެން ނަމަވެސް ފައިސާ ހޯދަން ލަފާ ދީފައިވެ އެވެ. އަދި މި އުސޫލުން އަމަލު ނުކޮށްފިނަމަ މުސްތަގުބަލުގައި އެ ކުންފުންޏަށް މާލީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.
އޭއައިއޭގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 19 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 26.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެ ކުންފުންޏަށް އާމްދަނީ ލިބެނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މަތިންދާ ބޯޓަށް އަޅާ ތެޔޮ ވިއްކައިގެންނާއި ގްރައުންޓް ހޭޑްލިންނެވެ. ތެޔޮ ވިއްކައިގެން މި އަހަރު ފުރަތަމަ ކުއާޓަރުގައި 16 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 12 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރުގައި އޭއައިއޭ އަށް ލިބުނު ސާފު ފައިދާ ވެސް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 10.8 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ސާފު ފައިދާވަނީ 6.7 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
ފުރަތަމަ ކުއާޓަރުގައި އާމްދަނީ ލިބުނު ދާއިރާތައް
- ޖެޓްފިއުލް ވިއްކައިގެން: 16 މިލިއަން ރުފިޔާ
- ގްރައުންޑް ހޭންޑލިން: 2.4 މިލިއަން ރުފިޔާ
- ލޭންޑިން ފީ: 1.1 މިލިއަން ރުފިޔާ
- ޕާކިން ފީ: 6.4 މިލިއަން ރުފިޔާ
- އިކްއިޕްމަންޓް ޗާޖު: 217,885ރ.
- ޕެސެންޖަރު ސާވިސް ޗާޖު: ނުލިބެ
- ކާގޯ ޓާމިނަލް ވެއާހައުސް: 55,704ރ.
- އެހެނިހެން: 29,729ރ.
އޭއައިއޭ އިން މި ކުއާޓަރުގައި ހަރަދުގެ ގޮތުގައި 28.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ހަރަދަށް ވެސް ހޭދަވެފައިވަނީ މި އަދަދެވެ.
އޭއައިއޭގެ ހަރަދުގެ ބައެއް ބައިތައް
- ޖެޓްފިއުލް ގަންނަން: 9 މިލިއަން ރުފިޔާ
- އެޕްލޯއީމަންޓް ބެނެފިޓް: 8.4 މިލިއަން ރުފިޔާ
- ޕީޕީއީ އަށް: 6.6 މިލިއަން ރުފިޔާ
- ރިޕެއާ އެންޑް މެއިންޓަނަންސް: 317,215ރ.
ޕީސީބީން ބުނެފައިވާ ގޮތުގައި ދެވަނަ ކުއާޓަރުގައި ޑެޓް ޓު އެސެޓް ރޭޝިއޯ ހުރީ 0.79 ގައެވެ. ފުރަތަމަ ކުއާޓަރުގައި މި އަދަދު ހުރީ 0.71 ގަ އެވެ. މި ނިސްބަތުން ދައްކާ ގޮތުން އޭއައިއޭގައި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރި ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
ގޭން އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަތުރުކޮށްފައިވާ އެތެރޭގެ އުދުހުންތަކުގެ ހަމައެކަނި ފްލައިޓަކީ މޯލްޑިވިއަންނެވެ. އެ އެއާލައިނުން ގޭން އަށް 111 ފްލައިޓެއް ބޭއްވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މޯލްޑިވިއަން އިން 473 ފްލައިޓް އަދި ވިލާ އެއާއިން ދެ ފްލައިޓެއް ބާއްވާފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕްރައިވެޓް ޖެޓު ފަދަ އެއާ ކްރާފްޓްތަކުން 168 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރުކާރުގެ 70 ޕަސެންޓް ހިއްސާ އާއި މަޝްހޫރު ޓޫރިޒަމް ކުންފުނި، ޗަމްޕާގެ އާއިލާގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގްގެ 30 ޕަސެންޓް ހިއްސާ އޮންނަ އެއާޕޯޓެކެވެ.