ހަބަރު

ބެލެނިވެރިން ޓެބްލެޓަށް އަހުލުވެރި ކުރުވަން ފަށައިފި

Jun 23, 2018
1

ޓެބްލެޓް ބޭނުންކޮށްގެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، ކުދިންނަށް ޓެބްލެޓް ހަވާލުކުރަން ފަށާފައިވާއިރު ޓެބްލެޓުން މަސައްކަތްކުރާ ގޮތް ދަސްކޮށްދިނުމަށް ބެލެނިވެރިންނަށް ހާއްސަ ސެޝަންތަކެއް ފަށައިފި އެވެ.

ބެލެނިވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސްކޫލްތަކުގައި މިހާޜު ކުރިއަށްގެންދާ މި ސެޝަންތަކުގައި، ޓެބްލެޓުން މައުލޫމާތު ސާޗްކުރާ ގޮތްތަކާއި ބޭނުންކުރާ އެޕްތަކާއި އެތަކެތި ކުދިން ބޭނުންކުރާއިރު ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބެލެނިވެރިންނަށް ކޮށްދެވޭނެ ކަންކަން ދަސްކޮށްދިނުން ހިމެނެ އެވެ. އަދި ކުދިން މަސައްކަތް ކުރާ ގޮތުގެ ޓްރެކް ބެލޭނެ ގޮތްވެސް މި ސެޝަންތަކުގައި ބެލެނިވެރިންނަށް ކިޔައިދޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، ކުދިންގެ ކިޔެވުމުގެ ބޮޑު ބައެއްގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު ބެލެނިވެރިން އެއަށް އަހުލުވެރިވެފައި ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ސްކޫލްތަކުގެ ޝެޑިއުލްތައް ތަންދޭ ގޮތަކުން ކޮންމެ ސްކޫލެއްގައިވެސް މިފަދަ ސެޝަންތައް ކުރިއަށްގެންދާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ސްކޫލް ކުދިންނަށް ޓެބްލެޓް ބަހަން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތު ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ގަތީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުރެ އެވެ.