ހަބަރު

ރާއްޖެ އެތެރުކުރާ ކާޑުގެ ކޯޓާ އިންޑިއާއިން ކުޑަކޮށްފި

Jun 23, 2018
6

ރާއްޖެއަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ގިނަ ބާތްވަތަކުގެ ކޯޓާ ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.

ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ "ދި ވަޔާ" ނޫހުން ބުނެފައިވާ ގޮތުގައި، ކާޑުގެ ބާވަތްތަކުގެ އިތުރުން، ފިޔާ، ބިސް އަދި އަލުވި ފަދަ އަސާސީ ބާވަތްތަކުން ކުރިއަށް އޮތް ދެ އަހަރަށް އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭނެ އަދަދު ވަނީ ގާތްގަނޑަކަށް 100 ޕަސަންޓް ކުޑަކޮށްފަ އެވެ.

މިގޮތުން، އެންމެ ބޮޑަށް ކުޑަކޮށްފައިވަނީ ފުށުގެ ކޯޓާ އެވެ. މިދިޔަ އަހާރާއި މި އަހަރަށް 59,442.17 ޓަނުގެ ކޯޓާއެއް ކަނޑައަޅާފައިވާއިރު، ކުރިއަށް ދެ އަހަރަށް ދީފައިވަނީ އެންމެ 946.21 ޓަނެވެ. މިއީ 98.4 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން ހަކުރަށް 11,706.30 ޓަނުގެ ކޯޓާ އެއް ދީފައި އޮތުމަށްފަހު، އެ އަދަދު މިހާރު ވަނީ 97.1 ޕަސަންޓުން 338.47 ޓަނަށް ދަށްކޮފަ އެވެ.

ފާއިތުވި ދެ އަހަރު 232,805,000 ބިސް އެތެރެކުރުމަށް ދީފައިވާ ކޯޓާ، މިހާރު ވަނީ 111,809,090 އަށް ދަށްވެފަ އެވެ. އެންމެ ކުޑަކޮށް ދަށްކޮށްފައިވަނީ ފިޔާ އެތެރެކުރަން ދީފައިވާ ކޯޓާ އެވެ.

ކޯޓާ އެހާ ބުޑުތަނުން ދަށްކުރުމުގައި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާވުމާއި އެއްވެސް ގުޅުމެއްނެތް ކަމަށް، އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، ކޯޓާ ކަނޑައެޅުމުގައި ބަލަނީ އެ ބާވާތްތައް ރާއްޖޭގައި މިންވަރަށް ބެލުމަށްފަހުގައި ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި 1981 އިން ފެށިގެން ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، އިންޑިއާ އިން ރާއްޖެއަށް އެތެރެކުރެވޭ ބައެއް އަސާސީ ބާވަތްތަކުގެ އަދަދު ކަނޑައަޅަނީ، އެ ބާވަތްތައް ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ބޭނުންކުރެވޭ މިންވަރަށް ބަލައިގެން ކަމުގައި ވެސް އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.

މިފަހުން ރާއްޖެ-އިންޑިއާގެ ގުޅުން ގޯސްވީ ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް އެމެޖެންސީ ހިންގާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ސިފައިންނާއި ފުލުހުން ކޯޓް ތެރެއަށް ވަދެ ހައްޔަރު ކުރުމުންނެވެ. އިންޑިއާއިން ވަނީ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ސުޕްރީމް ކޯޓްގެ އަމުރަށް ބޯ ލެބުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ.

އެއާ އެކު ރާއްޖެއިން ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު މި މަސްނިމުމުގެ ކުރިން ގެންދަން އަންގައިފަ އެވެ. އަދި ހެލިކޮޕްޓަރުގެ ބަދަލުގައި ރާއްޖެއިން ބޭނުންވާ ގޮތަށް ސާވިއަލަންސްގެ ދޯނިއާ އެއާކްރާފްޓެއް ދިނުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުން ވެސް ގަބޫލު ނުކުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. އަދި އިންޑިއާގެ މީހުންނަށް ރާއްޖެއިން ވިސާ ނުދީ ތާށި ކުރާ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. މީގެ އިތުރަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޗެންނާއީއަށް ނުވައްދާ ފޮނުވާލި މައްސަލަވެސް ހޫނުވި އެވެ.