މިހާރު ރާއްޖެ އަށް ބާނާ މަހުގެ ބޮޑު ޕަސެންޓް ރޯ މަހުގެ ގޮތުގައި ޖެހެނީ ބޭރު ކުރާށެވެ. ސަބަބަކީ ރާއްޖޭގައި ވެލިއުއެޑެޓް ނުވަތަ "ފިނިޝް ޕްރޮޑަކްޓެއް" ނުއުފެއްދުމެވެ. ނަމަވެސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫގައި ހަދާ މަސް ފެކްޓްރީއާއެކު މިކަން ބަދަލުވުމުގެ އުންމީދު ބޮޑެވެ. ސަބަބަކީ އަންނަ މަހު މިތަން ހުޅުވުމާއެކު ދެން މިތަނުގައި ހަދާ "ޕައުޗް" ފެކްޓްރީ އެވެ. ސުވާލަކީ އައްޑޫ މަސް ފެކްޓްރީއާއެކު މަސްވެރިކަމަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ މި ފެކްޓްރީއިން މަސްވެރިންނަށް އޮތީ ކޮން މޮޅެއް ހެއްޔެވެ؟
"މިތަން [އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް] އަކީ ދުވާލަކު 100 ޓަނުގެ މަސް ގަނެވި، ފިނި ކުރެވޭނެ ކެޕޭސިޓީ ހުރި ތަނެއް.ކައްކާ ކުރެވޭނެ 1500 ޓަނުގެ މަސް،" ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް "އަވަސް" އަށް ވިދާޅުވި އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 2014 ވަނަ އަހަރު އިފުތިތާހު ކުރި އަދި، 2016 ވަނަ އަހަރު ފެށި މަސައްކަތް ތަކެކެވެ. ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ހަރަދުގެ އިންވެސްޓްމަންޓަކުން އަޅާ މި ފެކްޓްރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މީގެ އިތުރުން 250 ޓަނުގެ ފެން އެއް ފަހަރާ ރައްކާކޮށްފައި ބެހެއްޓޭނެ އެވެ.
ގިނަ ވަޒީފާތަކެއް އައްޑު އަށް
ފެކްޓްރީ ހުޅުވަން ތައްޔާރުވަމުންދާއިރު، އައްޑޫއިން ގިނަ އަދަދެއްގެ ވަޒިފާ އުފެދިގެންދާނެ އެވެ. ފުރަތަމަ ފޭސްގައި ވެސް 70 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. މިފްކޯއިން ވަނީ މި ވަޒީފާ ތަކަށް މީހުން ހޯދުމަށް ވޯކިން އިންޓަވިއުތަކެއް ބާއްވާފަ އެވެ. މި ވަޒީފާތަކުގެ ތެރޭގައި ލެބޯޓަރީ، އިންޖިނިއަރިންގް، އެކައުންޓިންގް، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ދާއިރާ އިން އެކިފެންވަރުގެ ވަޒީފާތައް ހިމެނެ އެވެ. މި ވަޒީފާތަކަށް އެކަށިގެންވާ މުސާރައާއި އިނާޔަތްތަކާއިއެކު، ރަށުން ބޭރު މުވައްޒަފުންނަށް ހުރުމާއި ކެއުމާއި، ފެރީގެ އިންތިޒާމް ފަދަ ހާއްސަ އިންތިޒާމްތަކެއް ވަޒީފާއަށް ހޮވޭ މުވައްޒިފުންނަށް އިންތިޒާމް ކުރެވޭނެ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ.
އައްޑޫ މަސް ފެކްޓްރީ ކުރުކޮށް
- މަޝްރޫއުގެ އަގު ހަތް މިލިއަން ޑޮލަރު
- ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ
- ދުވާލަކު 50 ޓަނުގެ އައިސް އުފައްދާނެ
- ދުއިސައްތަ ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ
- 250 ޓަނުގެ ފެން ރައްކާކުރެވޭނެ
މިފްކޯގެ މި ފެކްޓްރީ ހަދަމުންދަނީ ޕައުޗް [ޕެކެޓުގައި މަސް] ބަންދުކުރެވޭނެ ގޮތަށެވެ. މިހާރު ޕައުޗް ބަންދުކުރަނީ ފެލިވަރުގައި ހަދާފައިވާ މިފްކޯގެ ފެކްޓްރީއިންނެވެ. ނަމަވެސް މި މަސައްކަތާއެކު އައްޑޫގައި 25 ޓަނުގެ ޕައުޗް ޕްލާންޓެއްވެސް ހަދާނެ އެވެ.
އަދްލީ ވިދާޅުވީ މި ފެކްޓްރީގެ ދެވަނަ ފިޔަވަހީގައި "ވެލިއު އެޑިޝަން" ގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.
"އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް 6 ނޫނީ 8 މަސް ތެރޭގައި އެ ބައިވެސް ނިމޭނެ. މިތަނުގައި ބަންދުކުރާނީ ޕައުޗް،" އަދްލީ ވިދާޅުވި އެވެ.
މަގުގެ އަގު މަތިކުރަން ބާރެއް
އަދްލީ ވިދާޅުވީ ދަޅު މަސް ބަންދުކުރާ ވަރު އިތުރުކޮށް، އަދި ޕައުޗުގައި ވެސް މަސް ބަންދުކޮށް ބޭރު ކުރަން ފެށުމުން މަހުގެ އަގު ހިފައްޓައި މަތިކުރަންވެސް އިތުރު ބާރަކަށްވާނެ ކަމަށެވެ.
"މިހާރު ވާގޮތަކީ ބެންކޮކް މާކެޓުގައި މަސް ގިނަވާއިރަށް އަގު ވައްޓާލަނީ. މިގޮތަށް އަގު ވެއްޓުނުނަ ނުދީ ހިފައްޓާލެވޭނީ ފިނިޝް ޕްރޮޑަކްޓެއް އުފެއްދިގެން. އެކަން މިވަނީ. ހަގީގަތުގައި މިފްކޯ އަށް ގެއްލުންވާ ސަބަބަކީ ވެސް މިއީ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވާއިރަށް ގެއްލުންވާ ފަށާ. ނަމަވެސް އިތުރު ޕްރޮޑަކްޓްތައް އުފައްދަން ފެށުމުން އެކަން ރަނގަޅު ކުރެވޭނެ،" އަދްލީ ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުކުރާ ފިނިޝް ޕްރޮޑަކްޓުގެ ޕަސެންޓް 80 އަށް ހަދައިލެވިއްޖެނަމަ ހެޔޮ ބަދަލެއް ފެންނާނެ. އޭރުން މަގުގެ އަގު ބޮޑު ވެސް ކުރެވޭނެ،" އަދްލީ ވިދާޅުވި އެވެ.
މަސް ގަންނަ އަދަދު މަތިކުރެވޭނެ
ސަރުކާރުގެ މަސް ކުންފުނިން މިހާރު މަސް ގަންނަނީ ކޫއްޑޫ އަށެވެ. އަދި ފެލިވަރަށެވެ. ނަމަވެސް މަސްވެރިކަން ރަނގަޅުވާއިރަށް މި ތަންތަން ފުރިގެން މައްސަލަތަކާ ދިމާވެ އެވެ. ނަމަވެސް އައްޑޫ ފެކްޓްރީ ނިމުމާއެކު މަސް ގަންނަ އަދަދު މަތިކުރެވޭނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.
އަދްލީ ވިދާޅުވީ މި ފެކްޓްރީ ހުޅުވުމާއެކު އައްޑޫ ބަނދަރުގައި ބާއްވާ މަސް ބޯޓު ރާއްޖޭގެ އެހެން ދިމަދިމާލަށް ފޮނުވާ ލެވޭނެ ކަމަށެވެ.
ކޮންމެއަކަސް އާ ފެކްޓަރީ އަންނަ މަހު ހުޅުވާނެ އެވެ. މިއާއެކު މަސްވެރިކަމުގެ ދާއިރާ އާއި ހާއްސަކޮށް އައްޑުއަށް ގިނަ ފައިދާ ތަކެއް ކުރާނެ އެވެ.