ރިޔާސީ އިންތިހާބުގެ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހަޅުއްވާފައިވާ އިސްލާހަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ބިލެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މާދަމާ ފުރަތަމަ ކިޔުން އިއްވާ އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާއަށް ހުށަހަޅާ އިސްލާހެކެވެ. އެ މާއްދާއަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ގާނޫނު އަސީސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ހިމެނޭ ފަރާތަކަށް ވާންވާނެ ކަމަށެވެ.
ނިހާން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު ހުކުމެއް އިއްވާފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ރިޝްވަތުގެ މައްސަލައެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވެސް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ގާސިމަކީ ވެސް އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެކެވެ.