އެކްޓަރު އިމްރާން ހާޝިމީ އާއި ވިދްޔާ ބާލަން ލީޑްރޯލުން ފެނިގެންދާ ފިލްމު "ހަމާރީ އަދޫރީ ކަހާނީ" ރިލީޒްކުރުމަށް އަދި ދެހަފްތާއެއްހާ ދުވަސްއޮތް ނަމަވެސް، މިހާތަނަށް ނެރެފައިވާ މިފިލްމުގެ ލަވަތަކަށާއި ފުރަތަމަ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އާންމުގޮތެއްގައި ބޮލީވުޑްގެ ފިލްމުތައް ސިނަމާތަކުގައި ދެއްކުމުގެ ދެތިން ދުވަސްކުރިން ބޮލީވުޑްގެ ހާއްސަ ފަރާތްތަކަށް ފިލްމު ދައްކާލުން ވަނީ އާންމުވެފަ އެވެ. ނަމަވެސް މިފިލްމުގެ ޑައިރެކްޓަރު މޯހިތް ސުރީ އާއި މަހޭޝް ބަޓް ވަނީ ފިލްމުގެ ހާއްސަ ސްކްރީނިންއެއް އިންޑިއާގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ ފަރާތްތަކަށް ދައްކާލުމަށް ނިންމާފަ އެވެ.
ފިލްމުގެ ވާހަކަވެސް ލިޔެފައިވާ މޯހިތް އާއި މަހޭޝްވެސް ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނެއް މެދުވެރިކޮށް ހޮވާލެވޭ ފަރާތްތަކަކަށް މިފިލްމުގެ ހާއްސަ ދައްކާލުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ފިލްމު ތިއޭޓަރުތަކުގައި ދައްކާލުމުގެ ކުރިން ބައެއް ފަރާތްތަކަށް ބަލާލުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ، ބެލުންތެރިންގެ ފަރާތުން ޓްރެއިލާއަށާއި ލަވަތަކަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ކަމަށް ވެސް އެ މީހުން ބުންޏެވެ.
ޕްރޮޑިއުސަރު މަހޭޝް ބަޓް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިފިލްމާއި މެދު އޭނާއަށް ކުރެވޭ އުންމީދުތަކުގެ ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ އޯޑިއަންސް މިފިލްމު ބެލުމަށްފަހު ފިލްމާއި، ތަރިންގެ އެކްޓިންއާއި މެދު އެމީހުން ދެކޭގޮތްތައް އަޑުއަހަން ކަމަށެވެ.
މިފިލްމަށް ބެލުންތެރިންގެ ސަޕޯޓްލިބޭނެ ކަމުގެ އުންމީދު އޮތްކަމަށް ބުނަމުން މަހޭޝް ބުނީ އޯޑިއަން އަށް ފިލްމަކީ ރަނގަޅު ނޫނިއްޔާ ގޯސް ފިލްމެއްކަން އެނގޭ ވަރަށް ސްމާޓްކަމަށެވެ.
“ހަމާރީ އަދޫރީ ކަހާނީ" ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ، އަދި މިފިލްމުގައި ފެނިގެންދަނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނަކަށް އޭނާ ދެކެ އިންތިހާއަށް ލޯބިވާ މީހަކު ލިބުނު ނަމަވެސް އޭނާގެ މައްސަލަ ބޮޑު ކައިވެނީގެ ސަބަބުން އަނބުރާ ނުލިބުނު ލޯތްބެވެ.
އިމްރާން އާއި ވިދްޔާގެ އިތުރުން މުހިންމު ރޯލުން ފެނިގެންދާނީ ނެޝަނަލް އެވޯޑް ލިބިފައިވާ އެކްޓަރު ރާޖް ކުމާރު ރާއޯ އެވެ.
ވިޝޭޝް ފިލްމްސްގެ ފަރާތުން ޕްރޮޑިއުސްކޮށް ފޮކްސް ސްޓާ ސްޓޫޑިއޯއިން ގެނެސްދޭ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.