ބޮލީވުޑް

20 އަަހަރުފަހުން ރޭކާގެ ސްޓޭޖް ޕާފޯމަންސެއް

Jun 25, 2018

ރޭ ނިމިގެންދިޔަ އައިފާ އެވޯޑްސްގައި ފޯރިގަދަ ގިނަ ސްޓޭޖް ޕާފޯމަންސްތަކެއް ފެނިގެންދިޔައިރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ޕާފޯމަންސްއަކީ ބޮލީވުޑް މަޝްހޫރު ބަތަލާ ރޭކާގެ ޕާފޯމަންސެވެ. ހަތްދިހާގެ އަހަރުތަކުގައި ގިނަ ބައެއް މަގުބޫލުކަން ހޯދި ރޭކާ ސްޓޭޖެއްގައި ޕާފޯމް ނުކުރާތާ މިހާރު 20 އަހަރުވެއްޖެ އެވެ.

ރޭކާއަށް މިހާރު އުމުރުން 63 އަހަރުވެފައިވާއިރު، ރޭގެ ހުށަހެޅުން ބެލުމަށްފަހު ފޭނުންނަށްވެސް ވަނީ ހައިރާންކަމެއް ލިބިފަ އެވެ. އެންމެ ކުރީގައި އޭނާ ނަށާލާ ނާށަލުންގަނޑާއި ރޭގެ ހުށަހެޅުމުގައި އެއްވެސް ތަފާތެއް ނެތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރޭކާގެ ކުރީގެ ފިލްމުތައް ކަމަށްވާ "މުކައްދަރް ކާ ސިކަންދަރް" އަދި "ޕަކީޒާހް" ފަދަ ފިލްމުތަކުގައި ދައްކާލާފައިވާފަދަ ހުށަހެޅުންތަކެއް ރޭ ވަނީ ސްޓޭޖުމަތިން ދައްކާލާފަ އެވެ. އޭނާ ލައިގެންވެސް ހުރީ އޭރު ލާ އުޅުނު ސްޓައިލް ހެދުމެކެވެ. ރޭކާގެ ހުށަހެޅުން ނިމުމާއެކު އެވޯޑު ބަލަން ގޮސް ތިބި އެންމެ ވަނީ ކޮޅަށް ތެދުވެ އޭނާއަށް ތަރުހީބުދީފަ އެވެ.

އައިފާ އެވޯޑްސް 2018 ގައި ރޭކާ ދިން ސްޓޭޖް ޕާފޯމަންސް.

ރޭގެ ހަފްލާގައި ރޭކާގެ އިތުރުން، ރަންބީރް ކަޕޫރްއާއި ވަރުން ދާވަން، ބޮބީ ޑިއޯލް، ކްރިތީ ޝެނޮން، އިއުލިއާ ވަންޓޫރް އަދި އަރްޖުން ކަޕޫރްގެ ވަރުގަދަ ހުށަހެޅުންތަކެއް ފެނިގެންދިޔަ އެވެ. މި ހަފްލާ ހޮސްޓުކޮށްދިނީ ކަރަން ޖޯހަރް އާއި ރިތޭޝް ދޭޝްމުކް އެވެ.