ދުނިޔެ

ގަވައިދާ ހިލާފަށް އެތެރެވާ މީހުން ވަގުތުން ޑިޕޯޓްކުރަން ޓްރަމްޕް ގޮވާލައްވައިފި

Jun 25, 2018

ވޮޝިންގްޓަން (ޖޫން 25) - ކޯޓު މަރުހަލާގެ ބޭރުން، ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުނުކޮށް، އެމެރިކާއަށް ގަވައިދާ ހިލާފަށް އެތެރެވާ މީހުން ވަގުތުން ޑިޕޯޓް ކުރަންޖެހޭ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ގަވައިދާ ހިލާފަށް އެތެރެވާ މީހުންނާއި މެދު އެޅޭ ފިޔަވަޅުތައް ހަރުކަށިކޮށް ޖިނާއީ ދައުވާ ކުރުމަށް ނިންމާފައިވާއިރު، އެފަދަ މީހުން އެމެރިކާއަށް ވެރިވެގަތުމުގެ ފުރުސަތު ނުދީ، ވަގުތުން ވަގުތަށް އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

"މީހަކު އެތެރެވުމާއެކު، ވަގުތުން ވަގުތަށް، ކޯޓެއް އަދި ފަނޑިޔާރެއް ނެތި އެމީހުން ބޭރުކުރަންޖެހޭ،" ޓްރަމްޕްގެ ޓްވީޓްގައިވެ އެވެ.

ޓްރަމްޕް މި ގޮތަށް ގޮވާލައްވާފައިވަނީ، ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ކުޑަކުދިން އާއިލާ އާއި ވަކިކޮށް، އާއިލާތައް ރޫޅާލުން ނިމުމަކަށް ގެންނެވިތާ ތިން ދުވަސް ފަހުންނެވެ.

ޓްރަމްޕް ސޮއި ކުރެއްވި ގަރާރުގައިވާ ގޮތުން، އެކުގައި ހައްޔަރުކުރެވޭ އާއިލާތަކުގެ ކޯޓު މަރުހަލާ ނިމެންދެން އެކުގައި ބޭއްތިއްބުމާއި، ކުޑަކުދިން ތިބޭ އާއިލާތަކުގެ މައްސަލަތައް އަވަސް ކުރުމާއި، ކުޑަކުދިން ހައްޔަރުގައި ބޭތިއްބޭނެ މުއްދަތު އިތުރުކުރުން ހިމެނެ އެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ގޮތުން، ބޮޑެތި މީހުންނާއެކު ކުޑަކުދިން ހައްޔަރުކޮށްފައި ނުބޭތިއްބޭތީ، އެތަކެއް ކުޑަކުދިންނެއް އެ ކުދިންގެ އާއިލާތަކާއި ވަނީ ވަކިކޮށްފަ އެވެ. ކުޑަ ކުދިންގެ ހައްގުތަކާއިބެހޭ ޖަމިއްޔާތަކުން ބުނާގޮތުގައި، ޑިޕޯޓްކުރެވޭ އެތަކެއް މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ވީގޮތެއް ނޭނގި ގިނަ ތަކުލީފުތަކާއި ކުރިމަތިލާންޖެހެ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހާއި ހަމައަށް 2،300 ކުޑަކުދިން ވަނީ މައިންބަފައިންނާއި ވަކިކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތައް ގެނެވުނު ބަދަލާއިއެކު، މިހާރު އާއިލާތަކާއި ވަކިކޮށްފައިވާ ކުދިންނާމެދު އަމަލު ކުރާނެ ގޮތެއް ހިމަނާފައެއްނުވެ އެވެ.