ފަސް އަހަރުގެ ފިރިހެން ދަރިފުޅަށް އަނިޔާކުރި މަންމައަކު އިއްޔެ ހައްޔަރުކޮށްފި އެވެ. އިއްޔެ ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
އެނގިފައިވާ ގޮތުގައި ފިރިމީހާއާ ވަކިން ދިރިއުޅޭ އެ އަންހެން މީހާގެ ހަމައެކަނި ދަރިފުޅަށް އިއްޔެ ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އެގޮތުން ކުއްޖާގެ ބުރަކައްޓާއި މޫނުގައި ތަޅާފައިވާ ކަމަށްވެ އެވެ.
ކުޑަ ދަރިފުޅަށް މަންމަ އަނިޔާކުރާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކުރީ އެ ހިސާބުގައި ދިރިއުޅޭ މީހެއް ކަމަށްވެ އެވެ. ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް ވަނީ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާރު އެ ކުއްޖާ ވަނީ ޖެންޑާ މިނިސްޓްރީން ވަނީ އެހެން މީހަކާ ބެލުމަށް ހަވާޅުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ އަންހެނަކު އިއްޔެ މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް މިވަގުތަށް ފުލުހުން ނުދިނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ފިރިހެން ކުއްޖާއަށް މީގެކުރިން ވެސް މަންމަގެ ފަރާތުން ވަނީ އަނިޔާތައް ލިބިފަ އެވެ. އެ ކުއްޖާގެ ބައްޕަ އުޅެނީ މާލޭގަ ނޫން ކަމަށް ވެސްވެ އެވެ.
މީގެކުރިން ވ. ރަކީދޫގައި މިފަދަ މައްސަލައެއް ފެންމަތިވި އެވެ. ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ މަރުވެފަ އެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އާފިޔާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ކުއްޖަކު މަރާޅުމުގެ ދައުވާ އެވެ.