ހަބަރު

ފިލިޕީންސްގެ ކޮލެޖަކުން މެޑިސިން ކިޔަވަން ސްކޮލަޝިޕް ދެނީ

Jun 25, 2018

ރާއްޖެއިން މެޑިސިން ކިޔަވަންދާ ކުދިންނަށް ސްކޮލާޝިޕް ފުރުސަތު ފަހިކޮށްދޭން އެގައުމުގެ އެމީލިއޯ އެގްއިނާލްޑް ކޮލެޖުން އެޑިއުކޭޝަން މިނިސްޓްރީއާ އެކު މިއަދު އެއްބަސްވެއްޖެ އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާޓެއްގައި އެގްއިނާލްޑް ކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ރައީސް ޑރ ޖޯސްއީ ކެމްޕޯސް އެވެ. ރާއްޖޭގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް އެވެ.

އެމީލިއޯ އެގްއިނާލްޑް ކޮލެޖްގައި މިހާރުވެސް 23 ދިވެހި ދަރިވަރުން މެޑިސިންގެ ދާއިރާއަށް ކިޔަވަމުންދާ ކޮލެޖެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެގްއިނާލްޑް އިން ރާއްޖެއަށް ކޮންމެ އަހަރަކު މެޑިސިން ކިޔަވަން ބޭނުންވާ އެއް ކުއްޖަކަށް ފުލް ޕެއިޑް ސްކޮލާޝިޕެއް ދޭނެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ކިޔަވަންދާ 10 ދަރިވަރަކަށް 10 ޕަސެންޓްގެ ޓިއުޝަން ފީ ހިލޭކޮށްދޭ ސްކޮލާޝިޕްތަކެއްވެސް ދޭނެ އެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރެވެ.