ބޮލީވުޑް

"ބޮމްބޭ ވެލްވެޓް" ކުޅުނު ލާރި އަދިވެސް އަނުޝްކާއަކަށް ނުދޭ!؟

May 28, 2015

“ބޮމްބޭ ވެލްވެޓް" އަކީ މިއަހަރު ރިލީޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެފިލްމަކަށް އިންތިޒާރު ކުރި ފިލްމުގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވުނު ފިލްމެވެ.

މީގެ ފަސްއަހަރު ކުރިން ފެށިގެން އުފައްދަން ފެށި ފިލްމު ވަނީ ދެ ފަހަރެއްގެ މަތިން ރިލީޒްކުރާ ދުވަސް ލަސްކުރުމަށްފަހު އެންމެފަހުން މިމަހުގެ 15ވަނަ ދުވަހު ރިލީޒްކޮށްފަ އެވެ.

އުންމީދު ކުރި ގޮތާއި ހިލާފަަށް މިފިލްމު ރިލީޒްކުރެވުމާއިއެކު ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ ނުރުހުމުގެ ބަސްތަކާ އެކު ފިލްމު ވީ ބޮޑު ފްލޮޕަކަށެވެ. 

ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެ، ފިލްމު ފްލޮޕްވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ޑައިރެކްޓަރު އަނޫރާގް އަށާއި މުޅި ޕްރޮޑަކްޝަން ޓީމަށް ފާޑުކިޔަމުންނެވެ.އެގޮތުން ގިނަ ބަޔަކު އަންނަނީ ބޮލީވުޑްގެ ފިލްމުތަކުގެ ރަހަތައް ބަދަލުކޮށްލި ކަމަށް ގިނަބަޔަކު ގަބޫލުކުރާ ޑައިރެކްޓަރު އަނޫރާގްގެ މިފިލްމު ހެދުމުގެ ކުރިންވެސް ފްލޮޕްވާނެ ފިލްމެއްކަން އިނގޭ ކަމަށް ބުނަމުންނެވެ.

އަށް ސަތޭކަ މިލިއަން ރުޕީޒްގެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމަށް ދެހަފްތާގެ ތެރޭގައި 23.7 ކްރޯޑް (237 މިލިއަން ރުޕީޒް) ލިބިގެން، މިއަހަރުގެ މިހާތަނަަށް ރިލީޒްކުރި އެންމެ ބޮޑު ފްލޮޕް ފިލްމަށް ވެގެންގޮސްފައިވާއިރު، ފިލްމު އުފެއްދި ފަރާތަށް ވަނީ ބޮޑު މާޔޫސްކަމެއްގެ އިތުރުން ބޮޑު ގެއްލުމެއްވެސް ވެފަ އެވެ.އެގޮތުން ފިލްމުގެ ޕްރޮޑަކްޝަން ހައުސްތަކުގެ މާލީ ހާލަތާއި ގުޅޭގޮތުން ތަފާތު ވާހަކައެއް ދެކެވެމުންދާ ދަނޑިވަޅެއްގައި ވަނީ އިތުރު އެހެން ވާހަކައެއްވެސް ކުރި ފަޅާފަ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާ އަނުޝްކާ ޝަރްމާއަށް ފިލްމު ކުޅެން އެއްބަސްވެ ސޮއި ކުރުމުން ލިބުނު އެޑްވާންސް ޕޭމަންޓްގެ އިތުރުން، އިތުރު އެއްވެސް ލާރިއެއް ލިބިފައިވާ ނުވާކަމުގެ ތަފާތު އަޑުތަކެއް ދަނީ އިވެމުންނެވެ. ބާކީ ލިބެން ހުރި ލާރީގެ އެއްވެސް ލާރިއެއް އަނުޝްކާ އަށް ލިބިފައިނުވާއިރު، މިފިލްމުގައި އަނުޝްކާ އާ އެކު ލީޑްރޯލުން ފެނިގެންދާ ރަންބީރު ކަޕޫރަށް ވަނީ ހުރިހާ ފައިސާ އެއް ރިލީޒް ކުރުމުގެ ކުރިން ދީފަ އެވެ. މިކަމާ އަނުޝްކާ ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އަނުޝްކާގެ ސްޕޯކްސްޕާސަން ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްއަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އަނުޝްކާ މީސްމީހުން ކައިރީގައި ލާރީގެ ވާހަކައެއް ނުދައްކާ ކަމަށާއި އަދި ނުވެސް ދައްކާނެ ކަމަށެވެ. އެފަދަ ކަމެއް އުޅޭނަމަވެސް އޭނާ އެކަމާ ގުޅޭ ބަޔަކާ ވާހަކަދައްކައިގެން އަމިއްލަ އަށް ހައްލުކުރާނެ ކަމަށެވެ.

އަނުޝްކާގެ ސްޕޯކްސްޕާސަންގެ ވާހަކަތަކުން ވެސް އަރައިގެން އުޅޭ އަޑުތަކަކީ ދޮގެއްކަމަށް ބުނެފައިނުވާއިރު،ދެކެވޭ ވާހަކަތައް ގަބޫލުކުރުން ނޫންގޮތެއް ނެތެވެ. މިކަން ހަމައެކަނި ސާފުކޮށްދެވެން އޮތީ އަނުޝްކާ ބުނާ އެއްޗަކުން ނެވެ.

އަނުޝްކާގެ އިތުރުން މިފިލްމުގައި މަސައްކަތްކުރި ބައެއް ކްރޫ މެމްބަރުންނަށްވެސް ވަނީ އެމީހުންކުރި މަސައްކަތުގެ ލާރި އަދި ނުދީކަމަށް ވެ އެވެ. އެހެންްކަމުން އުންމީދުކުރި ގޮތަށް ފިލްމުން ރަނގަޅު އާމްދަނީ އެއް ނުލިބި، ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަކަށް ދައްކަންހުރި ލާރި ދީ ނިމުމުން ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ފެންޓަމް ފިލްމްގެ އަތް ދޮވެވޭނެކަން ޔަގީނެވެ.

މިވާހަކަތަކާއި ގުޅިގެން ފޮކްސްގެ ފަރާތަކުން ބުނެފައިވަނީ، ފޮކްސްގެ ފަރާތުން ދައްކަން ޖެހޭ އެއްވެސް ޕޭމަންޓްއެއް މިހާރު ނޯންނާނެ ކަމަށާއި، އެއްވެސް ލާރިއެއް އެއްވެސް ބަޔަކަށް ދޭންޖެހިފައިވާނަމަ އެއީ ފެންޓަމް އިން ދައްކަން ޖެހޭ ލާރިކަމަށެވެ.އަދި އަނުޝްކާއަށް ދޭންޖެހޭ ލާރި ނުދީހުރުމާއި ގުޅިގެން ދެކެވޭ ވާހަކަތަކާއި ގުޅިގެން ފޮކްސްއާއި ސުވާލުކުރުމުން ބުނީ މިފިލްމަކީ ފެންޓަމްސްގެ ފިލްމެއް ކަމަށާއި، އަނުޝްކާ މިފިލްމަށް ސޮއިކުރުވީ އަނޫރާގް ކަމަށެވެ. އޭނާ ދޭންޖެހޭ އެއްވެސް ލާރިއެއް ވާނަމަ އެލާރިއެއް ދޭންޖެހޭނީ ފެންޓަމްއިން ކަމަށާއި ،އެއީ ފޮކްސްއިން ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫންކަމަށެވެ.

ފޮކްސް ސްޓޫޑިއޯއިން ހުރިހާ ޒިންމާއެއް ފެންޓަމްގެ ބޮލަށް ޖަހާފައިވާއިރު، މިކަމާ ގުޅިގެން ފެންޓަމްގެ ބަސް ތަފާތެވެ.ފެންޓަމްގެ ފަރާތުން މަދޫ މަންތެނާ ބުނެފައިވަނީ އެމީހުންގެ ފަރާތުން އެއްވެސް މީހަކަށް ފައިސާއެއް ދޭން ޖެހޭކަމަކަށް އެމީހުންގެ ހިސާބުތަކުން ނުދައްކާކަމަށެވެ.”ބޮމްބޭ ވެލްވެޓް"ގައި މަސައްކަތްކުރި ގިނަ ކްރޫ މެމްބަރުންނަށްވެސް ލާރި ނުދޭކަމަށް ދެކެވޭ ވާހަކަތަކަކީވެސް ދޮގެއްކަމަށާއި، އެމީހުންނަކީ ފެންޓަމްގެ އެހެނިހެން ޕްރޮޖެކްތަކުގައި މިހާރުވެސް މަސައްކަތްކުރަމުން އަންނަ މީހުންކަމަށްވުމުން، ލާރީގެ އެއްވެސް މައްސަލައެއް އުޅޭނަމަ އެމީހުން މިހާރު އެހެން ޕްރޮޖްތަކުގައި މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އަދި ބަތަލާ އަނުޝްކާގެ ޕޭމަންޓްއާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ބުނީ އެސުވާލަށް އެންމެ ރަނގަޅަށް ޖަވާބުދެވޭނީ އަނުޝްކާ އަށް ކަމަށެވެ.އޭނާއަށް އެއްވެސް ލާރިއެއް ދޭން ހުރިނަމަ އެމީހުންނަށް އިނގޭނެ ކަމަށެވެ.

ފޮކްސް އާއި ފެންޓަމްގެ ފަރާތުން ދައްކަން ޖެހޭ ހުރިހާ ލާރިއެއް ދައްކާފައިވާ ކަމަށް ދެފަރާތުންވެސް ބުނަމުންދާއިރު،މިކަމާއި ގުޅޭގޮތުން އަނުޝްކާ ބުނާނެ އެއްޗެކާއި މެދު މަޑުކުރުން ނޫން ގޮތެއް ނެތެވެ.